އަލަށް ފަށާ ވިޔަފާރިތަކަށް ދެ މިލިއަން ރުފިޔާގެ އެހީތެރިކަން ދިނުމަށްޓަކައި ބީއެމްއެލް އިން "ސްޓާޓަޕް ގްރާންޓް" ގެ ނަމުގައި ފަންޑެއް އިފްތިތާހު ކޮށްފިއެވެ.

މި ފަންޑު އިފްތިތާހު ކުރުމަށް ފަހު ބީއެމްއެލް އިން ބުނީ، މިއީ މި އަހަރުގެ ނޮވެމްބަރު މަހު ފާހަގަ ކުރަން ހަމަޖެހިފައިވާ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ 12 ހަރަކާތުގެ ތެރެއިން ހަރަކާތެއް ކަމަށެވެ. އަދި މިއީ އެ 12 ހަރަކާތުގެ ތެރެއިން ތިންވަނަ ހަރަކާތެވެ.

ބީއެމްއެލުން ބުނީ، މިއަދު ތައާރަފްކުރި ސްޓާޓަޕް ގްރާންޓަކީ އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދެވޭ ހިލޭ އެހީއެއް ކަމަށެވެ.

ސްޓާޓަޕް ގްރާންޓާ ބެހޭ ބައެއް ތަފްސީލު:

  • ހުށަހެޅޭ ވިޔަފާރި ޕްލޭންތަކުގެ ތެރެއިން ހޮވާލެވޭ ހަތަރު ވިޔަފާރިއަކަށް ބައި މިލިއަން، ޖުމްލަ ދެ މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވޭ
  • ހޮވާލެވޭ ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ޕްލޭނާ އެއްގޮތަށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިނޭންޝަލް ކޮންސަލްޓީ ފޯރުކޮށްދޭނެ

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި، ސްޓާޓަޕް ވިޔަފާރިތަކާއި ބޭންކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

"މި ޕްރޮގްރާމުގެ ޒަރިއްޔާއިން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދާ، އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި، އިގްތިސޯދީ ވެއްޓަށް ހެޔޮ ބަދަލެއް ގެނެސްދޭނެ. ހޮވޭ ވިޔަފާރިތަކަށް އެފަރާތްތަކުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ފައިނޭންޝަލް އެޑްވައިޒްވެސް ބޭންކުން ފޯރުކޮށްދޭނެ."
ޓިމް ސޯޔާ, ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ

އަދި ބީއެމްއެލްގެ އުންމީދަކީ ވިޔަފާރިތަކުން މި ފުރުސަތުގެ ބޭނުންހިފައި ރާއްޖޭގެ ސްޓާޓަޕް ކަލްޗަރަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް، ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ، އަންނަ މާޗު 16 ގެ ދަންވަރު 12 ގެ ކުރިން ސްޓާޓަޕް ގްރާންޓަށް އެޕްލިކޭޝަން ފޮނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެޕްލިކޭޝަނާއި ޝަރުތުތަކާއި ޕްރޮސެސާ ބޭހޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެއެވެ.