ށ. ފުނަދޫ ސްކޫލުގެ ފާރުގައި "އިންޑިއާ އައުޓް" ޖަހައި، ސްޕްރޭ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، މިފަދަ މައްސަލައެއް މިއަދު 11:38 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ރަށްރަށަށް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ ހަރަކާތަށް ތާއީދު ހޯދުމުގެ ގޮތުން ރަށްރަށަށް ޒިޔާރަތްކުރައްވަން ފަށްޓަވާފައެވެ

އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ޔާމީން ވަނީ މީގެ ކުރިން ކ. އަތޮލުގެ ބައެއް ރަށްރަށަށް އަދި ފ. އަތޮޅުގެ ބައެއް ރަށްރަށަށްވެސް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރުމަށް ގޮވާލަމުންނެވެ.

އިންޑިއާ އައުޓް ހަރަކާތް ރަށްރަށަށް ފުޅާކުރަމުން ދާއިރު، އެ ހަރަކާތާ ދެކޮޅަށް ސަރުކާރަށް ނިސްބަތްވާ ބައެއް އިސްވެރިންނާއި މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ، އަދި މި ހަރަކާތް ކުރިއަށް ގެންދަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުވެސް މީގެ ކުރިން ވިދާޅުވެފައި ވެއެވެ.