ޔުކްރައިންގެ އޮފިޝަލް ވެބްސައިޓުތަކަށް ދިން ސައިބާހަމަލާތައް ދީފައިވަނީ ރަޝީޔާއިންކަމަށް ޔުކްރައިނުން ތުހުމަތުކޮށްފިއެވެ.

މިހަމަލާތަކާ ގުޅިގެން އެގައުމުގެ ސަރުކާރަށް ނިސްބަތްވާ 70 ވެބްސައިޓުތައް ވަނީ ހުއްޓުމަކަށް އައިސް ޑައުންވެފައެވެ. މިއީ ފާއިތުވި ހަތަރު އަހަރުތެރޭގައި އެގައުމަށް ދިމާވި އެންމެ ބޮޑު ސައިބާ އެޓޭކްކަމަށް އެގައުމުން ބުނެއެވެ.

ސައިޓުތައް ޑައުންވުމުގެ ކުރިން ތައްޔާރުވެ ތިބުމަށް އިންޒާރުގެ މެސެޖެއް ފޮނުވާފައި ވާއިރު މި މައްސަލަ ވަނީ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހައްލު ކުރެވިފައެވެ.

ހަމަލާއާ ގުޅިގެން އެގައުމަށް އެމެރިކާ އަދި ނޭޓޯއިން އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު ރަޝިޔާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޔުކްރައިންގެ އޮފިޝަލުން ބުނީ މި ހަމަލާ ރިޕޯޓުކުރި މީޑިއަތަކަށް ބަލާއިރު އެގައުމުގެ މީޑިއާތަކަށް ވުރެ ކުރިން ރަޝިޔާގެ މީޑިއާތަކުން ހަބަރު ރިޕޯޓު ކުރި ކަމަށެވެ. މިކަމުން ވެސް އެގައުމާމެދު ޝައްކު އުފެދޭ ކަމަށް ޔުކްރެއިނުން ބުނެއެވެ.

އެގައުމުގެ އެސްބީޔޫ ސެކިއުރިޓީ ސާވިސްއިން ބުނީ ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި 1،200 މިފަދަ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށް ނޭޓޯއާއެކު އެގައުމުން އެއްބަސްވުމެއްގައި ސޮއި ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެމެރިކާއިން ވެސް އެހީ ފޯރުކޮށްދޭނެ ކަމަށް ވައިޓްހައުސް އިން ބުނެއެވެ.

މިކަން ދިރާސާކޮށް އެސްބީޔޫއިން ބުނީ އެއްވެސް އަމިއްލަ މައުލޫމާތެއް ލީކުވެފައިވާ ނުވާ ކަމަށާ ވެބްސައިޓުތަކުން އެއްވެސް މައުލޫމާތެއް ބަދަލުކޮށްފައިވެސް ނުވާ ކަމަށެވެ.