ޅ. ނައިފަރު ހޮސްޕިޓަލުގެ ސާވާ ހެކް ކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އެއާއެކު މި މައްސަލަ ތަހުގީގު ކުރުމަށް މާލެއިން އެ ރަށަށް ދިޔަ ތަހުގީގު ޓީމް އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަަލައިގެ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަ ނުކުރާ އިރު، މި މައްސަލައާ ގުޅިގެން އަދި މީހަކު ވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.

ނައިފަރު ހޮސްޕިޓަލްގެ ސާވާ ހެކް ކޮށްފައިވާ އިރު، މިހާރު އެކި ޒާތުގެ ސައިބާ ކްރައިމްތައް އާންމު ވަމުން އަންނަކަން ވަނީ ފާހަގަވެފައެވެ. އެކި ފަހަރު މަތިން އެކި އިދާރާތަކުގެ ވެބްސައިޓްތައް ވެސް ހެކްކޮށްފައިވާ މައްސަލަތައް ދިމާވެފައިވާ އިރު، އަމިއްލަ ބޭނުމަށް މީހުން ބޭނުންކުރާ ފޭސްބުކް އެކައުންޓްތަކާއި ވައިބާ އެކައުންޓަތައް ހެކްކުރާ މައްސަލަ ވެސް އަންނަނީ ފެންނަމުންނެވެ.

އެ ގޮތުން ދާދި ފަހުން މީހެއްގެ ވައިބާ އެކައުންޓާއި ފޭސްބުކް އެކައުންޓް ހެކްކޮށް މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފޭރިފައިވާ 10،000 ރުފިޔާ ފުލުހުން ވަނީ ހޯދައިދީފައެވެ.

އަދި މިފަދަ ސައިބާ ކްރައިމްގެ މައްސަލަަތައް ހައްލު ކުރުމަށް ފުލުހުން އަންނަނީ ގިނަ ގުނަ މަސައްކަތްތައް ކުރަމުންނެވެ.