ބަރަހަނާ މަންޒަރުތައް ހިއްސާކުރަމުން ދަނިކޮށް ހިފެހެއްޓި ޓެލެގްރާމް ޗެނަލްތަކުގައި އެ މަންޒަރުތައް ހިއްސާކުރީ ކުޑަކުދިންގެ ވަނަވަރުތަކާ އެކު ކަމަށާއި، އެފަދަ ޗެނަލްތަކުގެ ތެރޭގައި ތިބޭ މީހުނާ މެދު ފިޔަވަޅު އަޅާނެ ކަން ފުލުހުން މިއަދު ހާމަކޮށްފިއެވެ.

މިފަހުން ފުލުހުން ވަނީ ޓެލެގްރާމް މެދުވެރިކޮށް ބަރަހަނާ މަންޒަރުތައް ހިއްސާކުރަމުން ދިޔަ ނުވަ ޗެނަލެއް ހިފަހައްޓައި މިދިޔަ ހޯމަ ދުވަހު ތިން މީހަކު ހައްޔަރުކޮށްފައެވެ. އެ ތިން މީހުންނަކީ:

  • އިސްމާއީލް ޒަބީހު، ސިލިންކޯ / ކ. ކާށިދޫ (29އ)
  • ޒުބައިރު އަލީ، ބަހާރުގެ / އދ. މަހިބަދޫ (45އ)
  • ނާސިފް އަލީ، ދަފްތަރު ނަންބަރު ރސ14751 (46އ)

އޭރު ހާމަކުރި މައުލޫމާތުގައި ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކޮށް، މައްސަލައާ ގުޅުންހުރި 14 އާލާތެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، އެ ތަކެތި ފާސްކޮށް ބެލިބެލުމުން، ކުޑަކުދިންގެ ބަރަހަނާ މަންޒަރު ހިމެނޭހެން 240،000 އަށް ވުރެ ގިނަ ފޮޓޮއާއި 86 ހާހަށް ވުރެ ގިނަ ވީޑިއޯ ފާހަގަކުރެވި، އެ މަންޒަރުތައް ހިމެނޭ 571 ޗެނަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އޭގެ ތެރެއިން 43 ޗެނަލެއް ކުޑަކުދިންގެ މަންޒަރުތައް ޕޯސްޓްކުރުމަށް ހާއްސަކޮށްފައިވާ ކަމަށާއި، މި ހުރިހާ ޗެނަލަކަށް ވަދެ 34،680 މީހުން ފައިސާ ދައްކާފައިވާ ކަން ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންވެސްޓިގޭޝަންގެ ހެޑް، އިންސްޕެކްޓަރު އަޒީފް އައްބާސް ވިދާޅުވީ މި ޗެނަލްތަކުގައި މަންޒަރުތައް ހިއްސާކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުޑަކުދިންގެ ވަނަވަރު އެނގޭ ގޮތަށް ކަމަށެވެ.

މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ޒަބީހުގެ ފޯނު ބަލައި ފާސްކުރުމުން ފާހަގަވި ކަންކަމަކީ، އަޒީފް ވިދާޅުވި ގޮތުގައި:

  • މައްސަލަ ހުށަހެޅި ފަރާތަށް ބިރުދައްކައި މަންޒަރުތައް ލީކްކުރާނެ ކަމުގެ އިންޒާރު ދީފައިވާކަން
  • އެކި ކުށްތައް ހިމެނޭ ތަފާތު ކޮންޓެންޓް ހިމެނުމާއި ސްކޭމްތައް ހިންގާފައިވުން
  • އެކަމާ ގުޅުންހުރި ފައިސާގެ މުުއާމަލާތްތަކާއި މައްސަލަ ހުށަހެޅި ފަރާތުން މައުލޫމާތުދިން މަންޒަރު ފެނިފައިވުން

ނާސިފްގެ ފޯނުން އެފަދަ ކަންކަން ފާހަގަވުމުގެ އިތުރުން ކުށްކޮށްގެން ހޯދި ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތްކުރި ކަމަށާއި، ޒުބައިރުގެ ފޯނުން ކުޑަކުދިންގެ ބަރަހަނާ މަންޒަރު ޕޯސްޓްކުރުމަށާއި ގިނަ މަންޒަރުތަކާއި އެހެން މީހުންނަށް މި ކަންކަން ކިޔައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި، ކުޑަކުދިންގެ މަންޒަރުތައް ހޯދުމަށްޓަކައި އޭނާ މަސައްކަތްކޮށްފައިވާކަން ހާމަވާ ކަމަށް ވެސް އަޒީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަރަހަނާ މަންޒަރުތައް ނެގުމަށް ވިކްޓިމްތަކުން ޗެނަލްތައް މެދުވެރިކޮށް ޒުބައިރު ގާތު އެދުމުން ވެސް އޭގެ ނާޖާޒިޒު ފައިދާ ނަގައި ޖިންސީ ފުރައްސާރަކޮށް އެފަދަ މުއާމަލާތްތައް ހިންގަން މަޖުބޫރުކުރަން އޭނާ މަސައްކަތްކުރި ކަމަށެވެ.

ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުގެ ހެޑް، ސުޕްރިންޓެންޑެންޓް މުހައްމަދު ސަމީހު ވަނީ ރާއްޖޭގައި ސައިބާކްރައިމް އިތުރުވެފައިވާކަން ފާހަގަކުރައްވައި، ބަރަހަނާ މަންޒަރުތައް އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ނުފޮނުވުމަށް އާންމުންނަށް އިލްތިމާސްކުރައްވައިފައެވެ. ހަމަ އެހެންމެ ކުޑަކުދިން ކޮމްޕިއުޓަރު ފަދަ އާލާތްތައް ބޭނުންކުރުމުގައި ކުރާ ކަންކަން ބެލުމަށް ބެލެނިވެރިންނަށް އޭނާ އިލްތިމާސްކޮށްފައިވެއެވެ.

"އަދި ހަމަ އެއާއެކު މިފަދަ ޗެނަލްތަކަށް ފައިސާ ދައްކައި، މިފަދަ ޗެނަލްތަކަށް ވަދެ ތިބުމަކީ ކުށެއްކަން އަޅުގަނޑު ފާހަގަކޮށްލަން، މިފަދަ ޗެނަލްތަކަށް ވަދެ ތިބޭ ފަރާތްތައް ހޯދައި، ގާނޫނީ ހަމަތަކުގެ މަތިން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ފިޔަވަޅު އަޅަމުން ދާނެ ކަން ފާހަގަކޮށްލަން،" ސަމީހު ވިދާޅުވިއެވެ.