ލުބުނާނުގެ ހިޒްބުއްލޯ ޖަމާއަތުގެ މީހުން ބޭނުން ކުރަން ޓައިވާނުގެ ކުންފުންޏެއްގެ އަތުން ގަތް ޕޭޖަރުތައް ގޮއްވާލީ އޭގެ ބެޓެރި ކައިރީގައި ގޮވާޒާތުގެ ބަޑިބޭސްހުރި އެއްޗެއް ހަރުކޮށް މެސެޖެއް ފޮނުވާ އެކްޓިވޭޓް ކޮށްލައިގެން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނިއުޔޯކް ޓައިމްސް ގައި ބުނީ، ލުބުނާނަށް ގެންދިޔަ 'ގޯލްޑް އެޕޯލޯ' މަރުކާގެ 'އޭއާރު924' މޮޑެލްގެ ޕޭޖަރުތައް ލުބުނާނަށް ފޯރުމުގެ ކުރިން އެތަކެތީގެ ބެޓެރީ ކައިރީގައި ގޮވާ ޒާތުގެ ޑީވައިސް އެއް ސްވިޗަކާއެކު ހަރުކޮށްފައި ވާކަން އެނގިފައި ވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ، އިޒްރޭލުގެ އިންޓެލިޖެންސް، މޮސާޑާއި އިޒްރޭލުގެ އަސްކަރިއްޔާ ގުޅިގެން ކަމަށް ވެސް ބުނެފައި ވެއެވެ.
މި ޕޭޖަރު ތަކަކީ ޓައިވާނުގެ ކުންފުންޏަކުން ހަންގޭރީގެ ޑިސްޓްރިބިއުޓަރެއް ލައްވާ އުފެއްދާ، ލުބުނާނަށް ފޮނުވި އެއްޗެކެވެ. މި ޕޭޖަރުތައް ހިޒްބުއްލޯ އާ ހަމައަށް ދިޔަ ގޮތް އަދި ސާފު ނުވާ އިރު ގާޒާ ހަނގުރާމަ އާއި އިޒްރޭލާއި ހިޒްބުއްލޯގެ ހަނގުރާމަ އާ ހުރެ މުއާމަލާތު ކުރުމަށް އެ ޖަމާއަތުން މޮބައިން ފޯނު ބޭނުން ނުކުރާތާ ކިތަންމެ ދުވަހެކެވެ.
ގިނަ އަދަދެއްގެ ޕޭޖަރު ގޮވާ އިއްޔެ މި ހާދިސާ ހިނގާފައި ވަނީ މެންދުރުފަހުގެ ވަގުތެއްގައެވެ. ހާދިސާ ހިނގި ގޮތުގެ ފަހުގެ މައުލޫމާތުތައް ބުނާގޮތުން، ޕޭޖަރުތަކަށް އައީ މެސެޖެކެވެ. އެ މެސެޖަކީ ހިޒްބުއްލޯ ޖަމާއަތުގެ ލީޑަޝިޕުން ފޮނުވި މެސެޖެއް ކަމަށް ދޭހަވާ ގޮތަށް ފޮނުވާފައި އޮތް މެސެޖެއް ކަމަށާއި، މެސެޖާއެކު ޑީވައިސް އެކްޓިވޭޓްވެ ހޫނުވެ ގޮވަމުން ދިޔައެވެ.
1 އައުންސާއި 2 އައުންސް ހުންނަވަރުގެ ކުޑަކުޑަ ގޮވާއެތިކޮޅެއް ބޭނުންކޮށްގެން ޕޭޖަރުތައް މޮޑިފައިކޮށް ގޮއްވާލުމާއެކު އިޒްރޭލުން ހިންގާ އުދުވާނު އެހެން ދަރަޖައަކަށް އުފުލިފައި ވާކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނަންފަށާފައެވެ. އެއީ އިޒްރޭލުގެ މި ނުބައި ރޭވުމުގެ ދަށުން ދެން ގޮއްވާލާނީ ކޮންއެއްޗެއް ކަން ނޭނގި ބިރުވެރިކަމެއް އުފެދިގެން ގޮސްފައި ވުމުންނެވެ.
ލުބުނާނަށް އިޒްރޭލުން ދިން މި ސައިބާ އެޓޭކް ކުށްވެރި ކުރަމުން މިސްރުން ބުނެފައި ވަނީ، އެކަމުގައި ތާއީދު ކުރާނީ ލުބުނާނަށް ކަމަށެވެ.
ޖުމްލަ 11 މީހަކު މަރުވެ 3000 އެއްހާ މީހުން ޒަހަމްވި މިހާދިސާގެ ބަދަލު ފިސާރި ވަރުގަދަ އަށް ހިފާނެ ކަމަށް ހިޒްބުއްލޯ އިން ބުނެފައި ވާއިރު، މި އަމަލު ހިންގީ އިޒްރޭލު ނޫން ކަމަށް ބުނަން ޔަހޫދީ ދައުލަތުން ވަނީ ދެކޮޅު ހަދާފައެވެ.