ލަންކާގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސާގެ ދައުވަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް މިއަދު ވަޑައިގަންނަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ، ނަޝީދު ލަންކާ އަށް ވަޑައިގަންނަވަނީ، އެ ގައުމުގެ ޔޫތު ޕާލިމެންޓުގެ ދެވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގަތުމަށް ކަމަށެވެ.

ލަންކާގެ ޒުވާނުންގެ މަޖިލީހުގެ ސެޝަނަކީ އެ ގައުމުގެ ޒުވާނުންގެ މެދުގައި ލީޑަޝިޕްގެ ހުނަރުތައް އަށަގަންނުވައި، އެ ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން އެ ގައުމުގެ ނެޝަނަލް ޔޫތު ސާވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަނެކެވެ. މިދިޔަ މަހު ރާއްޖޭގައިވެސް ޒުވާނުންގެ މަޖިލީހުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން، ނަޝީދުގެ ދަތުރުފުޅުގައި ލަންކާގެ އިސްވެރިންނާއި، ރާއްޖޭގައި އިންވެސްޓްކުރާ ބައެއް ފަރާތްތަކާ ބައްދަލު ކުރަންވެސް ވަނީ ހަމަޖެހިފައި ކަމަށް، މަޖިލީހުން މައުލޫމާތު ދެއެވެ.