މިއަދުން ފެށިގެން އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން މެދުކެނޑުމެއް ނެތި ކުރިއަށް ދާނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އިއްޔެގެ ވަގުތެއްގައި މިނިސްޓަރު ވަނީ އަރަބިއްޔާ ސްކޫލްގެ ވަގުތީ އިމާރާތުގައި ކިޔެވުން ފެށުމަށް ވަމުން ދިޔަ ތައްޔާރީތައް ބައްލަވައިލެއްވުމަށް އެ ތަނަށް ޒިޔާރަތް ކުރައްވާފައެވެ. އެއަށްފަހު ވިދާޅުވީ، މިއަދުން ފެށިގެން އަރަބިއްޔާގެ ސްކޫލްގެ ދަރިވަރުންނަށް މެދުކެނޑުމެއް ނެތި ކިޔަވައިދެމުން ގެންދާނެ ކަމަށެވެ.
އަރަބިއްޔާ ސްކޫލްގެ ކިޔެވުން، ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކުރަން ނިންމާފައި ވަނީ، މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އިމާރާތް ހަލާކުވުމުގެ ސަބަބުން އެ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށެވެ.
ނަމަވެސް، އެ މައްސަލާގައި ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށް، އެ ނިންމުން ބަދަލުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައި ވާއިރު، އެ މައްސަލާގައި ހުރި ކަންބޮޑުވުންތައް ބަޔާންކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވާފައިވެއެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމާ ބައްދަލުކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓަރާވެސް ބައްދަލުކޮށްފައިވެއެވެ.
މީގެ އިތުރުން، އެ ސްކޫލްގެ ޕީޓީއޭއިން ވަނީ އެ މައްސަލާގައި ރައީސާވެސް ބައްދަލުކޮށްފައެވެ.
މިހާރު އަރަބިއްޔާ ހިންގާ އިމާރާތަށް ދަރިވަރުން ބަދަލުވީ ޖެނުއަރީ، 2013 ގަ އެވެ. އެކަމަކު އިމާރާތަށް މާގިނަ ދުވަސްތަކެއް ނުވެ އެތަނުގެ ތަނބުތަަކުގައި ރެނދުލާފައި ހުރިއިރު އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުން ހުރީ ދިގު މުއްދަތަކަށް އެ އިމާރާތް ބޭނުން ކުރެވޭނެ ގޮތަށް މަރާމާތު ކުރާށެވެ. އަދި އެކަމަށް ބޭނުންވާ ސްޓްރަކްޗަރަލް އެސެސްމަންޓުގެ އަމަލީ މަސައްކަތް މިހާރު ވަނީ އެ މިނިސްޓްރީން ފަށާފައެވެ.