ޓޮންގާގެ އަލިފާންފަރުބަދަ ގޮވި ވަރުގަދަ ގޮވުމުގެ ސަބަބުން، ޓޮންގާގެ ވެރިކަން ކުރާ ނުކޫއަލޯފާއަށް ލިބުނީ ބޮޑު ގެއްލުމެއް ކަމަށާ، ސުނާމީއެއްވެސް އުފެދިގެން ދިޔަ އެ ގޮވުމުގެ ސަބަބުން މީހަކު މަރުވެ ނުވަތަ ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް، ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީންޑާ އެޑާން ވިދާޅުވެއްޖެއެވެ.

އެޑާން މިފަދައިން ވިދާޅުވެފައި މި ވަނީ، ޓޮންގާގައި އަލިފާންފަރުބަދައެއް ގޮވާ، ސުނާމީއެއް އުފެދިދި، މުއާސަލާމަތީ ހިދުމަތްތައް މެދުކެނޑިފައި އޮތް ވަގުތެއްގައެވެ. ޓޮންގާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ޕެސިފިކް ކަނޑުގެ ގައުމުތަކާ އެހީދޭ ޖަމިއްޔާތަކުން މަސައްކަތް ކުރަމުން ދާ އިރު، ޓޮންގާގެ 105000 އެއްހާ މީހުންނާ ގުޅުން ކެނޑިފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ނަމަވެސް، އެޑާން ވިދާޅުވީ، ނުކުއަލޯފާގައި ހުންނަ ނިއުޒީލަންޑްގެ އެމްބަސީއާ ގުޅިފައި ވާ ކަމަށެވެ.

ޓޮންގާގެ ހާލަތު ބަޔާން ކޮށްދެއްވަމުން އެޑާން ވިދާޅުވީ އިރުމަތީ ފަރާތު ގޮނޑޮދޮށް ސަރަހައްދަށް ގެއްލުންތަކެއް ލިބިފައި ވާ ކަމަށެވެ. އެގޮތުން ބޯޑުފަހަރާ، ބޮޑެތި ހިލަގަނޑުތައް އެއްގަމަށް ބީއްސާލާފައި ވާ ކަމަށް އެޑާން ވަނީ ސިފަ ކޮށްދެއްވަފައެވެ. އަލިފާންފަރުބަދަ ގޮވުމުގެ ސަބަބުން، ނުކުއަލޯފާގައި އަޅިބޯވެފައި ވާ ކަމަށާ، އެހެން ނޫނީ އެ ސަރަހައްދުގެ ކަންކަން އޮތީ ހަމަޖެހިފައި ކަމަށްވެސް އެޑާން ވަނީ ވިދާޅުވެފައެވެ.

"ހަންގާ-ޓޯންގާ-ހަންގާ-ހަޕާއި"ގެ ނަން ދީފައި ވާ އަލިފާންފަރުބަދައަކީ ދޭތެރެ ދޭތެރެއިން ގޮވާ އަލިފާންފަރުބަދައެކެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ ގޮވުމަކީ އާދަޔާ ހިލާފު، ބާރު ގޮވުމެކެވެ. ގޮވުމުގެ އަޑު، ނިއުޒީލަންޑާއި ފީޖީގެ ބައެއް ސަރަހައްދުތަކަށް އިވުނު ކަމަށްވެސް ހަބަރު ލިބެއެވެ.

ޓޮންގާގެ އަލިފާންފަރުބަދަ ގޮވި މަންޒަރު ފެންނަ ސެޓެލައިޓް ފުޓޭޖެއްވެސް ދުނިޔޭގެ އެކި ހިސާބުތަކުގެ ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ.