ހއ. ކެލާގައި ކަނޑުފާ ބަލާލާ ފޮޓޯ ނެގޭ ގޮތަށް "ކެލަވަކި ބަގީޗާ" ގެ ނަމުގައި ސަރަހައްދެއް ހުޅުވައިފިއެވެ.
މިއީ ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ހިންގާ ގްލޯބަލް އެންވާރަމަންޓް ފެސިލިޓީ، ސްމޯލް ގްރާންޓް ޕްރޮގްރާމުގެ ދަށުން ކެލާގެ ކަނޑުފަލުގައިވާ ދިރުންތަކާ މެދު ރައްޔިތުން ހޭލުންތެރި ކުރުމަށް ކެލާ ޔޫތު ފޯރަމުން ހިންގި މަޝްރޫއެކެވެ.
މި މަޝްރޫއު ނިންމާ ކެލާ ކައުންސިލާ ހަވާލުކުރުމަށް މިއަދު ވަނި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ ކެވަކި ބަގީޗާ ހުޅުވައި ދެއްވީ ކެލާ ކައުންސިލުގެ ރައީސް އަބުދުﷲ އިންފާޒު ރަޝީދެވެ. މި މަޝްރޫއު ނިންމިކަމުގެ ރަމުޒު ކެލާ ކައުންސިލާ ހަވާލުކޮށް ދެއްވީ ކެލާ ޔޫތު ފޯރަމްގެ ރައީސް އިބުރާހީމް އާމިރު އުސްމާނެވެ.
މި ރަސްމިއްޔާތުގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ކެލާ ޔޫތު ފޯރަމުގެ ހިންގާ ކޮމެޓީގެ މެންބަރުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވެފައި ވެއެވެ. އަދި މި ރަސްމިއްޔާތުގައި ވަނީ ރައްޔިތުން ހޭލުންތެރި ކުރުމަށް ތައްޔާރު ކުރި ލީފު ލެޓް ރަށުގެ މުއައްސަސާތަކާ ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ކެލަވަކި ބަގީޗާ ފެހި ކުރުމުގެ ގޮތުން ގަސް އިންދުމުގެ ހަރަކާތެއް ވެސް ވަނީ ބާއްވާފައެވެ.
މި މަޝްރޫއުގެ ދަށުން ވަނީ، ކަނޑޫފާ ފަސޭހައިން ބަލައިލާ ފޮޓޯނެގުމަށް ބޯޑު ވޯކް (ފާލަން) އެއް ހަދައި، ފާލަން ހިމެނޭ ސަރަހައްދަށް ޒިޔާރަތް ކުރާ ފަރާތްތައް މަޑުކޮށްލުމަށް ރެސްޓިން ޕޮއިންޓެއް ވެސް ހަދާފައެވެ. މި މަޝްރޫއުގެ އެްނެމބޮޑު އެއް ބޭނުމަކީ ކަނޑޫފަލުގައި ހެދޭ ބާވަތްތައް ކަމުގައިވާ ކަނޑޫ، ރަނޑޫ، ބޮޑަވަކި، ތަކަފަތި، ކެލަވަކި އަދި ކުއްޅަވައް ފަދަ ގަސްގަހާގެހި ފަލުގައި އިންދާ އާލާކުރުމާއި، ކަނޑޫފަލުގައިވާ ދިރުންތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމެވެ