ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ބޫސްޓާ ޑޯޒް ދޭން ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އެއާޕޯޓު ރެޕްރެޒެންޓޭޓިވް (ރެޕް) އިން ނަށް މިހާރު ބޫސްޓާ ޑޯޒް ދޭން ފަށާފައިވާ ކަމަށެވެ.

މިގޮތުން ވެކްސިންގެ ޑޯޒް ޖެހުން ކުރިއަށް ދާނީ ހެނދުނު 09:00 އިން 11:00އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހުންނަ ރެކްރިއޭޝަނަލް ސެންޓަރުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތަކުގެ ތެރޭގައި އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމާއި، ރެޕް ކާޑުގެ އިތުރުން ވެކްސިން ކާޑު ގެންދިއުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އެޗްޕީއޭއިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިންއެވެ.

މިހާތަނަށް 29،089 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 397،123 މީހުންނެވެ. އަދި 368،622 މީހުން ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.