ފުރަތަމަ ގްރޭޑުން ފެށިގެން އަށްވަނަ ގްރޭޑާ ހަމައަށް ކިޔަވާ ދަރިވަރުން މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާން ޖެހޭގޮތަށް ހަދަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައި، ފުރަތަމަ ހަފްތާގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލުތަކެއް ކަނޑައަޅައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައި ވަނީ، ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އިއްޔެވެސް 816 މީހަކަށް ކޮވިޑު ޖެހިފައި ވާއިރު، ޖުމްލަ ލައްކައަކަށް ވުރެ ގިނަ މީހުންނަށް ރާއްޖޭން ކޮވިޑު ޖެހިގެން މިހާތަނަށް ވަނީ ރިޕޯޓު ކޮށްފައެވެ.

މިއަދު ނެރުނު ނޫސް ބަޔާނެއްގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ހަލުވިކަމާއެކު ކޮވިޑު ފެތުރެމުންދާ ދަނޑިވަޅެއްގައި، މިހާރު ކުރިއަށްދާ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފަށާއިރު، މާލޭގެ ސްކޫލްތަކުގައި ފުރަތަމަ ހަފްތާގައި ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައެއް ކަންތައްތަކަށް ސަމާލުކަން ދީގެން ކަމަށެވެ.

އެގޮތުން، ސްކޫލްތަކުގައި ކިޔަވައިދޭ ދަންފަޅިތައް ކުރު ކުރުމަށާއި، މާސްކު ނަގައިގެން ހިންގަންޖެހޭ ހަރަކާތްތައް ނުހިންގުމަށާއި، ފުރަތަމަ ގްރޭޑުން އަށްވަނަ ގްރޭޑަށް ކިޔަވާ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ހާޒިރުވާން ޖެހޭ ގޮތަށް ޓައިމް ޓޭބަލްތައް ހެދުމަށް އެޑިއުކޭޝަނުން ވަނީ ސްކޫލްތަކަށް އަންގާފައެވެ. އަދި އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކަށާއި، ކޮވިޑުން ރައްކާތެރިވުމަށް އަމަލުކުރަން ޖެހޭ ގައިޑްލައިންތަކަށް ތަބާވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ވަކި ސްކޫލްތަކުން، އެ ސްކޫލްތަކުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ބެލެނިވެރިންނާ ހިއްސާ ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މާލޭގައި ކޮވިޑުގެ ކޭސްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި އަންނަ ހަފްތާގައި ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭތީވެ، ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިވަގުތު މާލޭން ކޮވިޑު ޖެހޭ މީހުންގެ ނިސްބަތް އިތުރުވެފައިވާތީ، މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. ހަމައެއާއެކު މާލޭގައި މީހުން އެއްވާ ގޮތަށް އިވެންޓްތަކާއި ހަލްފާތައް ބޭއްވުމުގައި ވެސް ވަނީ ފިޔަވަޅުތައް އަޅާ ހަރުކަށިކޮށްފައެވެ. އެ ގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން އެއްނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.

އަދިވެސް ކޭސްތައް އިތުރު ވަމުން އަންނާތީ ފިޔަވަޅުތައް ވަރުގަދަކޮށް ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން އަންނަނީ ކަމާ ގުޅޭ މީހުންނާއެކު މަޝްވަރާ ކުރަމުންނެވެ.