2023 ގެ އިންތިހާބުވެސް ވަގަށް ނުނަގައިފިނަމަ ޕީޕީއެމްއިން ކާމިޔާބުކުރާނެ ކަމަށް އެ ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ކެންޑިޑޭޓު، މޫސާ ފަތުހީ އާދަމްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް އެ ރަށަށް ވަޑައިގެން މިއަދު ދެއްކެވި ވާހަކަފުޅުގައި 2023 ގެ އިންތިހާބު ކާމިޔަަބު ކުރައްވާނެ ކަމަށް ވިދާޅުވި އިރު 2018 ވަނަ އަހަރުގެ އިންތިހާބު ވަގަށް ނެގި ކަމަށް ޕީޕީއެމްއާއި ޔާމީން ވަނީ ކުރިން ވިދާޅުވެފައެވެ.
ފަތުހީއާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ، ފަތުހީއަކީ އެ ދާއިރާއިން ރައްޔިތުންގެ މަޖިލީހަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓު ކަމަށާއި ޕީޕީއެމްގެ ފަލްސަފާ ފަތުހީ ދަމަހައްޓާނެ ކަމަަށެވެ.
އިތުރަށް ޔާމީން ވިދާޅުވީ، ކޮމަންޑޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި ބިން ހިއްކުމުގެ މަޝްރޫއެއް އެ މަނިކުފާނުގެ ވެރިކަމުގައި ހިންގެވި ކަމަށާއި އަދިވެސް އެފަދަ ޕްރޮގްރާމް ހިންގާނީ ޕީޕީއެމްގެ ވެރިކަމެއްގައި ކަމްށެވެ.
ރައީސް ޔާމީން ވިދާޅުވީ ކޮމަންޑޫގެ ބޯހިޔާވަހިކަމުގެ މައްސަލަ އަނެއްކާވެސް ހައްލުވެގެން ދާނީ ޕީޕީއެމް ސަރުކާރެއްގައި ކަމަށާއި ކޮމަންޑަަު ކައިރީގައި އޮތް "ދިގުވެލިދޫ" ގައި ޕީޕީއެމް ސަރުކާރެއްގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި އުފެއްދި އައިލެންޑް އޭވިއޭޝަނަކީ ވަރަށް ވަރުގަދަ ކުންފުންޏަކަށްވި ކަމަށާއި މިއަދު އެ ކުންފުނީގެ އެތަށް ބޯޓެއް ނުދުއްވި ހަލާކުވެފައި ވާއިރު މަރާމާތުވެސް ނުކުރާ ކަމަށެވެ. އަދި އެ ކުންފުނިން ދުއްވާނެ ބޯޓު މިހާރު ހޯދަނީ ކުއްޔަށް ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން 1200 މިލިއަން ރުފިޔާގެ ފައިދާއަކާއި އެތަށް ބޯޓެއް އެ ކުންފުނީގެ ރައުސުލްމާލުގެ ތެރޭގައި އޮތް ކަމަށާއި އެހެންނަމަވެސް މިއަދު އެ ކުންފުނި ވަނީ 630 މިލިއަން ރުފިޔާއިން ދަރަނިވެރިވެފައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ދިވެހިންނަށް ވަޒީފާދޭން ހާއްސަ އިސްކަމެއް ދިން ކަމަށާއި އެ ގޮތުން އެ މަނިކުފާނުގެ ވެރިކަމުގައި 104،000 ވަޒީފާ އުފެއްދި ކަމަށާއި މި ސަރުކާރަށް އުފެއްދިފައި ވަނީ އެންމެ 6000 ވަޒީފާ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަމްރީނެއް ދީގެން ސަރުކާރުގެ ކުންފުނިތަކުން 2800 ވަޒީފާ ރައީސް ޔާމީންގެ ސަރުކާރުގައި ދިން ކަމަށާއި މިއަދުގެ ސަރުކާރުން ވަޒީފާ ދިނީ އެފަދަ 2 ކުދިންނަށް އެކަނި ކަމަށް ވިދާޅުވެ ސަރުކާރަށް ޔާމީން ވަނީ ފާޑު ވިދާޅުވެެފައެވެ.
ރައީސް ޔާމީން މިއަދު ހަވީރު ކޮމަންޑުއަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. ގިނަ އަދަދެއްގެ ބަޔަކު ޔާމީނަށް މަރުޙަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް ޖަމާވިއެވެ. އެއަށްފަހު ބޭއްވި ޖަލްސާގައިވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ވާކަން ފާހަގަ ކޮށްލެވެއެވެ.
މި ދަތުރުފުޅުގައި ކޮމަންޑޫގެ އިތުރުން، ފޯކައިދުއަށާއި މަރޮއްޓަށް ރައީސް ޔާމީން ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު އެ އަތޮޅު ފުނަދޫގައި ބާއްވަން ހަމަޖެހިފައިވާ "އިންޑިއާ އައުޓު" ހަރަކާތުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.
ޕީޕީއެމްގެ އިތުރުން އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ރާޝިދާއި އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލް ހަންނާން އިދުރީސް ވެސް ގެންދަވަނީ ފޯރިއާއެކު ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން އެ ދެ ޕާޓީގެ ބައެއް އިސްވެރިވެސް އެ ރަށްތަކުގައި އަންނަނީ ކެމްޕެއިންގައި ހަރަކާތްތެރި ވަމުންނެވެ.
އެ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.
ވަގެއް ކަމަށް ގަބޫލު ނުކުރެވިގެން އެ އުޅެނީ.
މި ޤައުމަކަށް ވަގުން ނެއް ދެން ބޭނުމެއް ނޫން.