ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކުގެ ގައިގައި އުންތަކެއް ނަގައި، ކޮތަރުތަކަށް ބަލި ޖެހިފައިވާ މައްސަލައެއް އީޕީއޭއިން ބަލަން ފަށައިފިއެވެ.
ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކުގެ ތުންގަނޑާއި ލޯ ކައިރީގައި އުންތަކެއް ނަގާފައި އެބަ ހުއްޓެވެ. އޭގެ ތެރެއިން ބައެއް ކޮތަރުތަކުގެ ލޯ ކައިރީގައި އުންތައް ނަގާފައި ހުރުމުން އެ ކޮތަރުތަކުގެ ލޯ ވަނީ ފޮރުވިފައެވެ.
މިކަމާ ގުޅިގެން މީޑިއާތަކަށް ދިން މައުލޫމާތުގައި ސިޓީ ކައުންސިލުން ބުނީ، ކޮތަރުތަކަށް ޖެހިފައި ވަނީ ކޮން ބައްޔެއްތޯ ބެލުމުގެ މަސައްކަތް އީޕީއޭއިން ކުރަމުން ގެންދާ ކަމަށާއި، އަދި އެ ބަލި ދެނެގަނެވިފައި ނުވާ ކަމަށެވެ.
ނަމަވެސް، ކޮތަރުތަކަށް ބަލި ޖެހުނީ ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ހެދުމަށް ކައުންސިލުން ބޭނުން ކުރި ކެމިކަލްގެ ސަބަބުން ކަމަށް ބައެއް މީޑިއާތަކުން ބުނަމުންދާ ކަމަށާއި، އެކަމަކު ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމުން، އެ ފަރާތްތަކުން ބުނީ އެއީ ކައުންސިލުން ޖަހާފައިވާ ކެމިކަލްގެ ސަބަބުން ކޮތަރުތަކަށް ދިމާވެފައިވާ ގޮތެއް ނޫން ކަމަށެވެ.
މިކަމާ ގުޅިގެން އީޕީއޭގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.
ސިޓީ ކައުންސިލުން ޖުމްހޫރީ މައިދާނުގެ ވިނަގަނޑުގެ މަސައްކަތްތައް ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު 16 ގައެވެ. އަދި ވިނަގަނޑުގެ މަސައްކަތްތައް ނިންމާލާފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.
އާންމު ގޮތެއްގައި ކޮތަރުތަކަށް ކާންދިނުމަށް އެ ސަރަހައްދަށް ގިނަ މީހުންނާއި ކުޑަކުދިން ދެއެވެ.