ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމާއެކު، އަފްގާނިސްތާނާއި ޕާކިސްތާނުން އުފެދިގެން އަންނަ ޓެރަރިޒަމްގެ ހަމަލާތުގެ ބިރަކީ، އިންޑިއާއާއި އިންޑިއާގެ އަވަށްޓެރި ސަރަހައްދުތަކުގެ ތެރެއިން ހަމަ އެކަނި ކަޒަގިސްތާނަށް އޮތް ބިރެއް ނޫނެވެ. އަފްގާނިސްތާނުގެ އިރު-އުތުރު ސަރަހައްދުގައި 6000 އަށް ވުރެ ގިނަ ޓެރަރިސްޓުން ހަރަކާތްތެރި ކުރުވާ، "ތަމްރީނު ދޭ" 40 އަށް ވުރެ ގިނަ މަރުކަޒު ގާއިމު ކޮށްފައި ވާ ކަމަށް ތަޖިކިސްތާނުންވެސް މިހާރު ދަނީ ތުހުމަތު ކުރަމުންނެވެ.

ތަޖިކިސްތާނަކީވެސް އަފްގާނިސްތާނުގައި އޮތް ތޯލިބާން ސަރުކާރު ބަލައިގަތުމަށް އިންކާރު ކުރި ގައުމެކެވެ. ތަޖިކިސްތާނުން ތުހުމަތު ކުރާ ގޮތުގައި ސެންޓްރަލް އޭޝިއާ އަދި ޔޫރަޕާ އޭޝިއާ ގުޅޭ ސަރަހައްދުގެ ގައުމުތަކުގެ ބޯޑަރުގައި ޓެރަރިސްޓުންގެ ފައުޖުތައް ވަނީ ރުކުރުވާލާފައެވެ. ކަން މިހެން އޮތް އިރު، ގައުމުން ބޭރުގައި އިންޑިއާއިން އޮޕަރޭޓް ކުރާ ފުރަތަމަ އަސްކަރީ ބޭސް އޮތީ ތަޖިކިސްތާނުގައި ކަން ފާހަގަ ކުރަން ޖެހެއެވެ.

ތަޖިކިސްތާނުގެ ރައީސް އަދި އިންޑިއާގެ ދޯސްތެއް ކަމަށް ވާ އިމޯމާލީ ރަހްމޯން ވިދާޅުވާ ގޮތުގައި، އަފްގާނިސްތާނުގެ ކޮންޓްރޯލް، ތޯލިބާނުންގެ ބާރުގެ ދަށަށް ގެންދިޔަ ފަހުން ބޯޑަރު ސަރަހައްދުގައި ގާއިމު ކޮށްފައިވާ ޓެރަރިސްޓުން ތަމްރީނު ކުރާ މަރުކަޒުތަކުގެ އަދަދު، 40 ން މައްޗަށް އަރައެވެ. ތޯލިބާނުންގެ ވެރިކަމާއެކު، އަފްގާނިސްތާނުގެ ބޯޑަރުން ބޭރަށް "ޓެރަރިސްޓުންގެ ކޯރު" ބަންޑުން ވެދާނެ ކަމުގެ ބިރު އިންތިހާ ބޮޑެވެ.

ކުރީގެ ސޯވިއެޓް ޔޫނިއަންގެ މެންބަރު ގައުމުތަކުގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ހަނގުރާމަވެރިންނާއި އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާ ދޭ މީހުންގެ ކަންކަމަށް، އަފްގާން ތޯލިބާނުން ބާރު އަޅަމުން ދަނީ ރޭވުންތެރި ކަމާއެކުގައި ކަމަށް، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ރަޝިއާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

މެދު ތެރޭ އޭޝިއާ ގައުމުތަކުގެ ތެރެއިން ފިޔަވާ އެހެން ހުރިހާ ގައުމަކުންހެން ވަނީ ތޯލިބާނުންގެ ސަރުކާރަށް ނޫނެކޭ ބުނެފައެވެ. އޭޝިއާއާއި ޔުރޭޝިއާގެ ބައެއް ހިސާބުތަކަށް ޓެރަރިސްޓުންނާއި ޣައިރު ގާނޫނީ ހިޖުރަވެރިންގެ އޮއެވަރަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ރަޝިއާ އޮތީ ފާރަވެރިއެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ، ހުރިހާ ފަރާތެއްގެ ޝާމިލުވުން އެކުލެވޭ ސަރުކާރެއް ގާއިމު ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް ތޯލިބާނުން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ.

ދާދި ފަހުން ކަޒަގިސްތާނުގައި ހިންގި ހަމަނުޖެހުންތަކުގައި ޕާކިސްތާނުގެ ޖާސޫސީ ފިޔަ ކަމުގައި ވާ އައިއެސްއައިގެ ދައުރެއް އޮތް ތޯ ބެލުމުގެ މަސައްކަތް، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ އިންޑިއާގެ ތަޖުރިބާކާރުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އައިސިސް ހުރާސާންއާއި ހައްގާނީ ނެޓްވޯކަށް ހިތްވަރު ދެމުން ދަނީ އައިއެސްއައިން ކަމަށް އިންޑިއާ މީޑިއާއިން ތުހުމަތު ކުރެއެވެ.

ކަޒަގިސްތާނުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި އެ ގައުމުގެ ތަންފީޒީ ބާރުތަކުގެ 16 އޮފިސަރެއްގެ އިތުރުން އާންމުންގެ ބައެއް މީހުންގެ ފުރާނަ ގެއްލިފައިވާ އިރު، އާންމުންގެ ތެރެއިން މަރުވި މީހުންގެ އަދަދު ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް، ކަޒަގިސްތާނުގެ ރައީސް ގާސިމް-ޖުމާތު ތުކަޔޭފް ވަނީ ވިދާޅުވެފައެވެ. މި ހާދިސާގައި ޒަހަމްވީ މީހުންގެ އަދަދު 1300 އަށް ވުރެ މައްޗަށް އަރައެވެ. އިގުތިސޯދީ ގެއްލުންތައްވެސް އިންތިހާ ކަމަށް، ކަޒަގިސްތާނުގެ ރައީސް ވަނީ ވިދާޅުވެފައެވެ.