ކުރިއަށް އޮތް 6-8 ހަފުތާއާ ދެމެދު، ވިލާތު ބައްރުގެ އާބާދީގެ 2 ބައިކުޅަ 1 ބައި މީހުން ތިބޭނީ ކޮވިޑް-19ގެ އާ ވޭރިއަންޓް (އޮމިކްރޯން) ޖެހިފައި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ކޮށްފިއެވެ.

ޑަބްލިއުއެޗްއޯގެ ވިލާތު އޮފީހުގެ އިސްވެރިޔާ، ޑރ ހާންސް ކްލޫގެ ވިދާޅުވީ، ހުޅަނގުން ނެގި ރާޅު އިރުމައްޗަށް ބިންދާލަމުން ދަނީ އެ ސަރަހައްދު "ދޮވެލަމުން" ކަމަށެވެ.

ކުރިއަށް އޮތް މަދު ހަފުތާ ކޮޅެއްގައި، ވިލާތު ބައްރުގެ އާބާދީގެ 2 ބައިކުޅަ 1 ބައި މީހުން ތިބޭނީ އޮމްނިކްރޯން ޖެހިފައި ކަމަށް ޑަބްލިއުއެޗްއޯއިން ލަފާ ކޮށްފައި ވަނީ، މި ފެށުނު 2022 ވަނަ އަހަރުގެ ފުރަތަމަ ހަފުތާގައި ވިލާތުން ރިޕޯޓް ކުރި 7 މިލިއަން ކޭހަށް ރިއާޔަތްކޮށްގެން ހެދި އަންދާޒާތަކެއްގެ މައްޗަށް ބިނާ ކޮށެވެ.

2 ހަފުތާގެ މުއްދަތުގައި ކޭސް އިތުރު ވީ މިންވަރު އުޅެނީ 2 ގުނައަށް ވުރެ ބޮޑު ކޮށެވެ.

އޮމިކްރޯންގެ ރާޅު ބިންދަމުން ދަނީ، ގައުމުތަކުން މެނޭޖްކުރި ޑެލްޓާގެ ރާޅަށްވުރެ މަތިން ކަމަށްވެސް ޑރ ކްލޫގެ ވަނީ ވިދާޅުވެފައެވެ.

އޮމިކްރޯން ވޭރިއަންޓަކީ އިންތިހާ ހަލުވި ކަމާއެކު ފެތުރޭ ވޭރިއަންޓެއް ނަމަވެސް، މި ވޭރިއަންޓްގައި ބަލި ހާލަތު ސީރިއަސް ވުމުގެ ފުރުސަތު ކުޑަ ކަމަށް ފަހުގެ ހޯދުންތަކުން ދައްކައެވެ. ނަމަވެސް އޮމިކްރޯންއަކީ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ މީހުންނަށް ޖެހޭ ވޭރިއަންޓެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

ޑެލްޓާ ވޭރިއަންޓުގެ ރާޅުގައި އައިސީޔޫގެ އެނދުތައް ފުރެމުން ދިޔަ ނަމަވެސް، އޮމިކްރޯން ވޭރިއަންޓްގައި، "އާދައިގެ" އެނދުތައް ފުރެމުން އަންނަ ކަމަށް ފަރަންސޭސި ސިއްހަތާ ބެހޭ ވަޒީރު އޮލިވިއޭ ވެގާން ވަނީ ސިފަ ކުރައްވާފައެވެ.

2021 ވަނަ އަހަރު ނިމެން ދަނިކޮށް ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ރިޕޯޓް ކުރި އޮމިކްރޯން ވޭރިއަންޓަކީ، އާދައިގެ ވޭރިއަންޓެއް ކަމަށް ބުނުމާ ދެކޮޅަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ އިންޒާރު ކޮށްފައެވެ.