ގޭގޭގެ ވަކި ކޮޓަރީގައި ޓޫރިސްޓުނަށް ތިބެވޭ ގޮތަށް "ހޯމްސްޓޭ ޓޫރިޒަމް" ތައާރަފް ކުރުމާއެކު ރާއްޖޭގެ ބައެއް ރަށްރަށުގައި އެއްވެސް އެއްޗެއް ނުލައި ބީޗުގައި ފަތުރުވެރިން އުޅޭ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މި މައްސަލަ މި ފެންމަތިވީ، ހޯމްސްޓޭ ފަތުރުވެރިކަން ރާއްޖޭގައި ތައާރަފް ކުރިތާ 10 ދުވަސް ތެރޭގައެވެ.

ސޯޝަލް މީޑިއާގައި އާންމުންގެ މީހަކު ކުރި ޕޯސްޓެއްގައި ވަނީ، ބީޗެއްގައި އޮށޯވެގެން އޮތް ފަތުރުވެރިއެއްގެ ފޮޓޯ އާންމުކޮށް އޭނާގެ ޝުއޫރު ފާޅުކޮށްފައެވެ. އެ ގޮތުން އެނާ ބުނެފައި ވަނީ، އެއީ އދ ގެ ރަށެއްގެ ގޮނޑުދޮށް ކަމަށާއި އެއީ އެރަށުގެ އާންމު ރައްޔިތުން ވެސް އުޅޭ ގޮނޑުދޮށެއް ކަމަށެވެ. ފޮޓޯގައި ފެންނަ ފަތުރުވެރިއާ އެ ދުވަހު ލައިގެން ހުރީ "ބިކިނީއެއް" ނޫން ކަމަށާއި އެއީ "ޓޮޕްލެސް" ވުމެއް ވެސް ނޫން ކަމަށް އޭނާ ބުނެފައި ވެއެވެ. އެ ފަތުރުވެރިޔާ އެތަނުގައި އޮތީ "ރޯ އޮރިޔާމުން" ކަމަށް އެފަރާތުން ބުނެފައި ވެއެވެ.

މި ކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އާއި އދ. އަތޮޅު ކައުންސިލްގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.

ރާއްޖޭގައި 1972 ވަނަ އަހަރު ފަތުރުވެރިކަން ތައާރަފު ކުރި އިރު ރިސޯޓްތައް ހަދާފައި ވަނީ ފަޅުރަށްރަށުގައެވެ. ނަމަވެސް ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތް ކުރާއިރު ހެދުން އެޅުމާއި އެހެނިހެން ކަންކަމުގައި ވެސް އެމީހުން އަމަލުކުރަން ޖެހޭ ގަވާއިދުތަކެއް އޭރު ވަނީ ހަދާފައެވެ. އޭގެ ފަހުން ވެސް ރަށްރަށުގައި އާންމުން ދިރިއުޅޭ ތަންތަނުގައި ނިވާކަން ކުޑަ ގޮތްގޮތަށް ހެދުން އަޅާ ނަމަ އެފަދަ ކަންކަން ހުއްޓުވައި އެކަންކަން ރަނގަޅު ކުރުމަށް ފުލުހުން މަސައްކަތް ކުރި އެތައް ހާދިސާތަކެއް ވެތުވެދިޔަ ތިން އަހަރު ތެރޭ ވެސް ވަނީ ފެނިފައެވެ.

އެހެންކަމުން ހޯމްސްޓޭ މި އަހަރު ތައާރަފު ކުރުމާ އެކު ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެގެން ގޮސްފައި ވަނީ މިފަދަ ކަންކަން އިތުރުވެ ދިވެހިންގެ ތެރޭގައި އިސްލާމީ ސަގާފަތް ގެއްލިގެން ދާނެކަމުގެ ބިރު އޮތް ކަމަށް ބުނަމުންނެވެ. އަދި ހޯމްސްޓޭ ފަތުރުވެރިކަން ތައާރަފް ކުރުމުން އެތައް ދީނީ އިލްމުވެރިންތަކެއް އެކަމާ ދެކޮޅު ހަދާ ވަނީ ވާހަކަ ދައްކާފައެވެ.

އެގޮތުން ގެސްޓުހައުސްގެ ގޮތުގައި ފަރުތުވެރިންނަށް ހިދުމަތް ދިނުމަށް ވަކިވަކި ތަންތައް ހަދައި ހިންގަމުން ދިއުމުގެ ސަބަބުން ރަށްރަށުގައި މުންކަރާތައް އާންމުވަމުން ދާ ކަމަށާއި މީހުން ދިރިއުޅޭ ގޭގޭ ތެރޭގައި މިކަން ތައާރަފު ކުރުމަކީ ދަރިންގެ އިއްފަތާއި އަބުރު ގެއްލި އާއިލާތައް ރޫޅި ގައުމުގެ އިސްލާމީ ސަގާފަތް ގެއްލިގެން ދާނެކަމެއް ކަމަށް ސަލަފުން ވަނީ ބުނެފައެވެ.

މިފަދަ ދެކޮޅު ބަސްތަކަށް ރައްދު ދެމުން މި ސަރުކާރުން ބުނެފައި ވަނީ ހޯމްސްޓޭގެ ސަބަބުން ދިވެހިންނަށް އާމްދަނީ ލިބި ދިރިއުޅުމަށް އުޖާލާ ކަމެއް ލިބިގެން ދާނެ ކަމަށެެވެ. ގޭގޭގައި ފަތުރުވެރިން ބޭތިއްބުމަށް ތައާރަފް ކުރި ހޯމްސްޓޭގެ މާ ކުރިން ވެސް ރަށްރަށުގައި ގޭގޭގައި ފަތުރުވެރިން ބައިތިއްބާފައިވާ ކަން ސަރުކާރުން ފާހަގަ ކުރެއެވެ. އެހެންކަމުން އެކަމުން މައްސަލަތަކެއް ނުނިކުންނާނެ ކަމަށާއި ތައާރަފް ކުރި ހޯމްސްޓޭގެ ދަށުން ފަތުރުވެރިން ތިބެންޖެހޭ ތަންތަން ރަޖިސްޓްރީ ކުރަންޖެހޭ އިރު އެއީ އެ ގެއެއްގައި ދިރިއުޅޭ އާއިލާއާއި ވަކިން ހުންނަ ތަނެއް ކަމަށް ސަރުކާރުން ބުނެ ވަނީ އެ ވާހަކަތައް އޮއްބާލާފައެވެ.