އިންޑިއާއަކީ އަބަދުވެސް ރާއްޖެއިން ބަރޯސާވެވޭނެ ފަދަ ގައުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައި ވަނީ މިނިސްޓަރު ޝާހިދު، އިންޑިއާ އިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަގައެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މި ސަރުކާރުގެ ފާއިތުވި ތިން އަހަރުތެރޭ އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ ސަބަބުން ހާސިލު ކުރެވުނު ކަންކަމާއި މެދު ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ. ހަމައެހެންމެ އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަމުންދާ ޕްރޮޖެކްޓުތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި ޝާހިދު ވަނީ ކޮވިޑް-19 ގެ އެންމެ ދަތި އުނދަގޫ ދުވަސްތަކުގައި އިންޑިއާ އިން ފޯރުކޮށްދިން އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިއާއަކީ އަބަދުވެސް ރާއްޖެއިން ބަރޯސާވެވޭނެ ފަދަ ގައުމެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އިންޑިއާ ސަފީރު ވަނީ މި ސަރުކާރާ ގާތުން މަސައްކަތްކޮށް، އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.