2020 އަށް ވުރެ މިދިޔަ އަހަރު މުދަލު ޒަކާތުގެ މީރާއަށް ލިބުނު އަދަދު 49 ޕަސެންޓު އިތުރުވެއްޖެއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 90.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ އޭގެ ކުރީ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 60.8 މިލިއަން ރުފިޔާއަށް ވުރެ 49 ޕަސެންޓު އިތުރު އަދަދެކެވެ.

އެހެންކަމުން 2020 އަށް ވުރެ މިދިޔަ އަހަރު މުދަލު ޒަކާތް ލިބުނު އަދަދު އިތުރުވެފައިވާއިރު، މިދިޔަ ޑިސެމްބަރު މަހު އެކަނިވެސް 11.3 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ.

މުދަލު ޒަކާތް މީގެ ކުރިން ބަލައިގަންނަމުން އައީ އިސްލާމިކް މިނިސްޓްރީންނެވެ. ނަމަވެސް 2016 އިން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއިންނެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިސާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީން ކަމަށްވާއިރު، މިދިޔަ އަހަރު މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 6961.50ރ. އެވެ.

ރާއްޖޭގައި ނިސާބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ކަނޑައެޅުމުން އެ އަގުތަކަށް ބަލައިގެންނެވެ.