މިއަހަރު މުދަލު ޒަކާތުގެ ނިސާބަށް ޖެހޭ މިންވަރު މޯލްޑިވްސް ޒަކާތު ހައުސް އިން ކަނޑައަޅައިފިއެވެ.
މިއަދު ކުރި އިއުލާނެއްގައި ޒަކާތު ހައުސް އިން ބުނެފައި ވަނީ، ޖެނުއަރީ 22 ވަނަ ދުވަހުން ފެށިގެން މުދަލުޒަކާތް ވާޖިބުވާ ނިސާބަކީ 8800.05 ރ. ކަމަށެވެ.
ކޮންމެ އަހަރަކުވެސް އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތް ވާޖިބުވާ ނިސާބެއް ކަނޑައަޅައެވެ. އެގޮތުން މިދިޔަ އަހަރު ނިސާބުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައި އޮތީ 9353.40ރ. އެވެ. ނަމަވެސް މި އަދަދު ފަހުން ވަނީ 9240.35ރ. އަށް ކުޑަކޮށްފައެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ ޒަކާތުގެ މައިގަނޑު މަގްސަދު ތަކުގެ ތެރޭގައި އިޖްތިމާއީ ހަމަހަމަކަން ގާއިމުކުރުމާއި ފަގީރުކަން ނައްތާލުން ހިމެނޭ ކަމަށެވެ. މުދަލު ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ކިފާޔަތުގެ ފަރުޟެކެވެ.
މުދަލު ޒަކާތުގެ ނިސާބަށް ބަދަލެއް ގެންނަނަމަ އެ ބަދަލެއް ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. އެހެންކަމުން ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.
މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވެފައިވާކަން އިސްލާމިކް މިނިސްޓްރީއިން ފާހަގަކުރެއެވެ.
ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެއެވެ. ޕަސެންޓުގެ ގޮތުން ނަމަ އެއީ 2.5 ޕަސެންޓެވެ.