މިދިޔަ ޑިސެމްބަރު މަހު ސަރުކާރުން އަންދާޒާ ކުރި ވަރަށް ވުރެ 45 ޕަސެންޓު އިތުރު އާމްދަނީއެއް ލިބިއްޖެއެވެ.

މިދިޔަ ޑިސެމްބަރު މަހު ދައުލަތަށް 2.03 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައި ވާއިރު، އެއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 95 ޕަސެންޓު އިތުރު އަދަދެއް ކަމަށް މީރާއިން ބުންޏެވެ.

މީރާއިން ބުނީ، މިދިޔަ ޑިސެމްބަރުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވާން ދިމާވީ، އެ އިދާރާއަށް ލިބިފައިވާ ޖީއެސްޓީ އާއި، ޓީޖީއެސްޓީ އާއި، އިންކަމް ޓެކުހާއި، ގްރީން ޓެކުހާއި، އެއާޕޯޓު ޓެކުހުގެ އިތުރުން، ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުން ކަމަށެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތަފްސީލު:

  • ޖީއެސްޓީ: 952.77 މިލިއަން ރުފިޔާ / 47 ޕަސެންޓު
  • ޓޫރިޒަމް ލޭންޑް ރެންޓު: 485.44 މިލިއަން ރުފިޔާ / 24 ޕަސެންޓު
  • ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ: 153.6 މިލިއަން ރުފިޔާ / 7.6 ޕަސެންޓު
  • އިންކަމް ޓެކްސް: 95.69 މިލިއަން ރުފިޔާ / 4.7 ޕަސެންޓު
  • ގްރީން ޓެކްސް: 94.41 މިލިއަން ރުފިޔާ / 4.7 ޕަސެންޓު
  • އެހެނިހެން: 243.65 މިލިއަން ރުފިޔާ / 12 ޕަސެންޓު

ހަމަ އެއާއެކު، އެ މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދު ހަތަރު ގުނައަށް އިތުރުވުމާއި، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީއެއް ލިބުމަކީވެސް އާމްދަނީ އިތުރުވި ސަބަބެއްގެ ގޮތުގައި މީރާއިން ވަނީ ފާހަގަކޮށްފައެވެ.

15 ބިލިއަނަށް ވުރެ ބޮޑު އާމްދަނީއެއް މިދިޔަ އަހަރު ސަރުކާރަށް ލިބިފައި ވާއިރު، ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރެއްވެސް ފެށޭ މަހާއި ނިމޭ މަހު ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވެއެވެ.