އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫ ގުޅިގެން ޕައިލެޓުން ތަމްރީނު ކުރުމަށްޓަކައި ހަދާފައިވާ އޭވިއޭޝަން އެކެޑަމީގައި ކިޔަވައިދޭން މިއަދު ފަށައިފިއެވެ.

އެގޮތުން 35 ދަރިވަރުންނާއެކު ފްލައިން ސްކޫލްގެ ރިފްރެޝާ ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ކިޔެވުން މިއަދު ފަށާފައި ވާއިރު، އެ ޕްރޮގްރާމްގައި 150 ގަޑިއިރުގެ ތިއަރީ ކްލާހާއި 10 ގަޑިއިރުގެ އުދުހުން، ކޮންމެ ހޯމަ ދުވަހަކުން ބުރާސްފައްޗަށް، މެންދުރު ފަހު 1 އިން އިރުއޮއްސި 6 އަށް ގެންދަން ވަނީ ނިންމާފައެވެ.

އުދުހުމުގެ ބައި ކުރިއަށް ގެންދާނީ ރިފްރެޝާ ޕްރޮގްރާމުގައި ދަރިވަރުންގެ ފެންވަރު ދެނެގަތުމަށް ފަހުގައެވެ.

މިދިޔަ މަހުގެ 28 ގައި އޭވިއޭޝަން އެކަޑަމީގެ ނަމުގައި އިފްތިތާހުކުރި ފްލައިން ސްކޫލް ހިންގުމަށް ހަވާލުކޮށްފައި ވަނީ، ފްލައިން ސްކޫލްތައް ހިންގުމުގައި ވިލާތުގައި ފާހަގަ ކޮށްލެވޭ ކުންފުންޏެއް ކަމަށްވާ ޗެކް ރިޕަބްލިކްގެ "ފްލައިން އެކަޑަމީ"އަށެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުން އައްޑޫ ގަމުގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިން ސްކޫލް ހިންގަން ވަނީ ނިންމާފައެވެ.

މީީގެ ކުރިން އައްޑޫގައި ފްލައިން ސްކޫލް ހިންގަމުން އައީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އެވެ. އެ ކުންފުންޏާއެކު އޭއައިއޭ އިން ހަދާފައިވާ އެއްބަސްވުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހަމަވެފައި ވާއިރު، އެ އެއްބަސްވުން އާ ނުކުރަން ވަނީ ނިންމާފައެވެ.

މި ސްކޫލުން ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށް މީގެ ކުރިން އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ. އެކުންފުނިން ބުނީ އެންމެ ބޮޑު އިސްކަމެއް ދޭނީ އޭއޭއޭގެ ދަރިވަރުންނަށް ކަމަށާއި އަދި އެއަށް ފަހު، ކިޔެވުން ނިމޭ ވަރަކުން އެހެން ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށެވެ.