ފުވައްމުލަކު ސިޓީ އެއާޕޯޓު ރަންވޭގެ އޮރިއެންޓޭޝަން ބަދަލުކޮށް ރަންވޭ ދިގުކުރުމާ ގުޅޭގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކޮށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)އިން މައުލޫމާތު ހިއްސާކޮށްފިއެވެ.

އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

އާރްއޭސީއެލްއިން ބުނީ އެ މަޝްވަރާގައި ފުވައްމުލަކު ސިޓީ އެއާޕޯޓުގެ ރަންވޭ ބޮޑުކުރެވެން ހުރި އޮޕްޝަންސްތައް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ފުވައްމުލަކު ސިޓީ ކައުންސިލްގެ ރައީސް އަދި މެމްބަރުންނާއި ހިއްސާކުރެއްވި ކަމަށެވެ. އަދި ފުވައްމުލަކު ސިޓީ އެއާޕޯޓް ތަރައްގީގެ މާސްޓާ ޕްލޭނާއި ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވުނު ކަމަށް އާރްއޭސީއެލްއިން ވަނީ ބުނެފައެވެ.

ފުވައްމުލަކު ސިޓީ އެއާޕޯޓަށް ގެންނަ ތަރައްގީ:

  • ރަންވޭ އޮރިއެންޓޭޝަން ބަދަލުކޮށް ޖެޓް ޖެއްސޭވަރަށް ރަންވޭ ބޮޑުކުރުން
  • ޖެޓް ޕާކިންއަށް ހާއްސަކޮށް އޭޕްރައިން ޖާގަ އިތުރު ކުރުން
  • ޖެޓް ފިއުލް ލިބޭނެ އިންތިޒާމު ހަމަޖެއްސުން
  • ފްލައިން ސްކޫލެއް ގާއިމް ކުރުން

މީގެއިތުރުން އެ ބައްދަލުކުރުމުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިމިގެން ދިޔައީ ފުވައްމުލަކު ސިޓީ އެއާޕޯޓާއި އިންވެގެން ދެކުނަށް އޮންނަ ހުސްބިމުގައި ޓުއަރިޒަމް ޒޯނެއް ގާއިމް ކުރުމަށް ދެ މުވައްސަސާ ދެމެދު ވާހަކަ ކުރިއަށް ގެންދިއުމަށް އެއްބަސްވުން ކަމަށް އާރްއޭސީއެލްއިން ބުނެއެވެ.