އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ޕައިލަޓުން ތަމްރީނު ކުރުމަށްޓަކައި ހަދާފައިވާ އޭވިއޭޝަން އެކަޑަމީގައި އުދުހުންތައް އިއްޔެ ފަށައިފިއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން އޭވިއޭޝަން އެކަޑަމީ ހިންގުމުގެ ހުއްދަ ދޫކޮށްފައި ވަނީ މި މަހުގެ ތިންވަނަ ދުވަހުގައެވެ.

އުދުހުމުގެ ގަޑިތައް ފުރިހަމަ ކުރުމަށް ފުރަތަމަ ބުރުގައި ފުރުސަތު ދިނުމަށް ނިންމާފައިވަނީ ރިފްރެޝާ ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ 150 ގަޑިއިރުގެ ތިއަރީ ކްލާސްތައް ފުރިހަމަކުރި 35 ދަރިވަރުންނަށެވެ. އޭގެ ތެރެއިން ހަ ދަރިވަރަކު އުދުހުމުގެ 10 ގަޑިއިރު ފުރިހަމަކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށައިފައެވެ.

ފުރަތަމަ ބެޗުގެ ދަރިވަރުންނަށް އުދުހުމުގެ ފުރުސަތު ދީފައިވާއިރު، އެކަޑަމީގެ ދެވަނަ ބެޗުގައި 39 ދަރިވަރަކު ވަނީ ރިފްރެޝާ ޕްރޮގްރާމް ފަށައިފައެވެ. އައިލެންޑް އޭވިއޭޝަނުން ބުނާ ގޮތުގައި، ފުރަތަމަ ބެޗުގެ ދަރިވަރުންގެ އުދުހުންތައް ނިމެމުންދާ ވަރަކުން ދެވަނަ ބެޗުގެ ދަރިވަރުންނަށް ފުރުސަތު ދެމުން ގެންދާނެއެވެ.

މިހާރު އައިލެންޑް އޭވިއޭޝަނުން މަސައްކަތްކުރަމުން ދަނީ މި އަހަރު ނިމުމުގެ ކުރިން ދެ ބެޗުގެ ދަރިވަރުންގެ އުދުހުމުގެ ގަޑިތައް ފުރިހަމަކުރުމަށް ފަހު އިތުރު ބެޗެއްގެ ކިޔެވުން ވެސް މި އަހަރު ފެށުމަށެވެ.

އޭވިއޭޝަން އެކަޑަމީގެ ކިޔެވުން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 28 ގައި އޭވިއޭޝަން އެކަޑަމީގެ ނަމުގައި އިފްތިތާހުކުރި ފްލައިން ސްކޫލް ހިންގުމަށް ހަވާލުކޮށްފައި ވަނީ، ފްލައިން ސްކޫލްތައް ހިންގުމުގައި ވިލާތުގައި ފާހަގަ ކޮށްލެވޭ ކުންފުންޏެއް ކަމަށްވާ ޗެކް ރިޕަބްލިކްގެ "ފްލައިން އެކަޑަމީ"އަށެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުން އައްޑޫ ގަމުގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިން ސްކޫލް ހިންގަން ވަނީ ނިންމައިފައެވެ.