އައްޑޫ ފްލައިން ސްކޫލްގައި ޕައިލެޓް ކޯސް ފުރިހަމަ ނުކުރެވުނު ދަރިވަރުންނަށް 2.5 މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ދިނުމަށް ނިންމައި، ލޯނަށް އެދުމުގެ ފުރުސަތު ސަރުކާރުން އިއްޔެ ހުޅުވާލައިފިއެވެ.

އެ ލޯނު ދެނީ އައްޑޫގައި އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ޕައިލެޓުން ތަމްރީނު ކުރުމަށްޓަކައި ހަދާފައިވާ އޭވިއޭޝަން އެކަޑަމީން ކިޔެވުމަށް ރިފްރެޝާ ކޯސް ފުރިހަމަ ކުރުމުންނެވެ. އެގޮތުން ދަރިވަރުންނަށް އެހީތެރިވުމަށްޓަކައި ސަރުލާރުން ވަނީ 25،000ރ އާއި 2.5 މިލިއަން ރުފިޔާގެ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރުމާ ބެހޭ އުސޫލެއް އާންމުކޮށްފައެވެ.

މިނިސްޓްރީން އާންމުކުރި އުސޫލުގައި ބުނީ، ދަރިވަރުންނަށް ލޯނު ދޫކުރާނީ ކޯސް ފުރިހަމަކުރުމަށް ބާކީ އޮންނަ މުއްދަތަށްވާ ފައިސާ ކަމަށާއި، އެ ފައިސާ ޖަމާކުރެވޭނީ ލޯނު ލިބޭ ދަރިވަރުންގެ ނަމުގައި ބޭންކެއްގައި ހުޅުވާފައި އޮންނަ ދިވެހި ރުފިޔާގެ އެކައުންޓަށް ކަމަށެވެ. އެ ފައިސާގެ އިތުރުން، ލޯނު ދޫކުރުމަށް ދިން ހިދުމަތުގެ އެޑްމިނިސްޓްރޭޓިވް ޗާޖުގެ ގޮތުގައި ލޯނުގެ އެއް ޕަސެންޓަށްވާ މިންވަރު، ކޯސް ނިމޭ ތާރީހުން ފެށިގެން އެންމެ ލަސްވެގެން ހަތް ވަނަ މަހު، ކަނޑައެޅިފައިވާ އެކައުންޓަކަށް އަނބުރާ ދައްކަން ފަށަން ވާނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ.

ހަމަ އެއާއެކު ލޯނު އަދާކުރަން ފެށުމަށް ފަހު، ލޯނު އެއްކޮށް ދައްކައި ނިމެންދެން ތާވަލާ އެއްގޮތަށް ފައިސާ ދައްކަމުން ގެންދަން ވާނެ ކަމަށާއި، ލޯނު އަދާކުރަންޖެހޭ ފަރާތް ރާއްޖޭން އެހެން ގައުމަކަށް ދިޔަ ނަމަވެސް، ލޯނު އަދާކުރުމުގެ އިންތިޒާމް ހަމަޖައްސައި މިނިސްޓްރީ އަށް އަންގަން ވާނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ.

އެ އުސޫލުގައިވާ ގޮތުން ދޫކުރާ ލޯނުގެ ފައިސާ އާއި އަނބުރާ ދައްކަން ޖެހޭ މުއްދަތު:

  • 25،000ރ އާ ހަމައަށް (ދެ އަހަރާއި ހަ މަސް)
  • 25،000ރ އިން 49،999ރ އަށް (ތިން އަހަރާއި ދެ މަސް)
  • 50،000ރ އިން 99،999ރ އަށް (ހަތަރު އަހަރާއި ފަސް މަސް)
  • 100،000ރ އިން 199،999ރ އަށް (ފަސް އަހަރާއި ހަ މަސް)
  • 200،000ރ އިން 299،999ރ އަށް (ހަ އަހަރާއި ނުވަ މަސް)
  • 300،000ރ އިން 399،999ރ އަށް (12 އަހަރާއި ހަ މަސް)
  • 400،000ރ އިން 499،999ރ އަށް (15 އަހަރު)
  • 500،000ރ އިން 999،999ރ އަށް (19 އަހަރާއި ދެ މަސް)
  • 1،000،000ރ އިން 1،499،999ރ އަށް (19 އަހަރާއި ހަތް މަސް)
  • 1،500،000ރ އިން 2،500،000ރ އަށް (20 އަހަރު)

ލޮނު ދޫކުރާއިރު، ދަރިވަރުގެ އިތުރުން ގެރެންޓާއެއްގެ ގޮތުގައި އާއިލާގެ މެންބަރަކު ސޮއިކުރަން ޖެހޭނެ ކަމަށް ވެސް ވެއެވެ. އަދި ލޯނު ނުދައްކައިފި ނަމަ، ޝަރުއީ ނިޒާމްގެ ތެރެއިން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރެވިދާނެ ކަމަށް ވެސް މިނިސްޓްރީން އާންމުކުރި އުސޫލުގައިވެއެވެ.

މިނިސްޓްރީން ވަނީ ލޯނަށް އެދި ހުށަހަޅާ ދަރިވަރުން މި މަހުގެ 15 ގެ މެންދުރުފަހު 1:30 ގެ ކުރިން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން އެދިފައެވެ. ލޯނަށް އެދި ހުށަހަޅާއިރު، ދަރިވަރުގެ އައިޑީކާޑު ކޮޕީ އާއި، ގެރެންޓާގެ އައިޑީކާޑު ކޮޕީ އާއި، ލޯނު ފައިސާ ޖަމާކުރުމަށް އެދޭ އެކައުންޓް ނަންބަރު އެނގޭނެހެން ބޭންކް ލިޔުމާއި، ކޯސް ފެށޭ އަދި ނިމޭ ތާރީހާއި ދައްކަން ޖެހޭ ފީ އެނގޭނެހެން، އޭވިއޭޝަން އެކަޑަމީގައި ރިފްރެޝާ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުން ހުށަހަޅަން ވެސް ވަނީ އެދިފައެވެ.