އޭވިއޭޝަން އެކަޑަމީގައި ރިފްރެޝާ ޕްރޮގްރާމް ފުރިހަމަކުރަން ލޯނަށް އެދުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫ ގުޅިގެން ޕައިލެޓުން ތަމްރީނު ކުރުމަށްޓަކައި ހަދާފައިވާ އޭވިއޭޝަން އެކެޑަމީގައި ކިޔަވައިދޭން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. އެގޮތުން 35 ދަރިވަރުންނާއެކު ފްލައިން ސްކޫލްގެ ރިފްރެޝާ ޕްރޮގްރާމް ވަނީ ފަށާފައެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އޭވިއޭޝަން އެކަޑަމީގައި ރިފްރެޝާ ޕްރޮގްރާމް ފުރިހަމަކުރަން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، އޭއޭއޭގައި އޭރު ޕައިލަޓް ކޯސް ފުރިހަމަކުރުން ދިޔަ ދަރިވަރުންގެ ތެރެއިން، އޭވިއޭޝަން އެކަޑަމީގައި އެ ކޯހުގެ ބާކީ ބައި ފުރިހަމަކުރުމަށްޓަކައި ހަދަންޖެހޭ ރިފްރެޝާ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ދަރިވަރުންނަށް އެކަނި ކަމަށެވެ.

މި ފުރުސަތުގެ ދަށުން ލޯނު ފައިސާގެ ގޮތުގައި ދޫކުރާނީ ރިފްރެޝާ ޕްރޮގްރާމްގެ ފީ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 26 ގެ މެންދުރުފަހު 1:30 ގެ ނިޔަލަށެވެ

އޭވިއޭޝަން އެކަޑަމީގެ ރިފްރެޝާ ޕްރޮގްރާމްގެ ދަށުން، 150 ގަޑިއިރުގެ ތިއަރީ ކްލާހާއި 10 ގަޑިއިރުގެ އުދުހުން، ކޮންމެ ހޯމަ ދުވަހަކުން ބުރާސްފައްޗަށް، މެންދުރު ފަހު 1 އިން އިރުއޮއްސި 6 އަށް ގެންދަން ވަނީ ނިންމާފައެވެ.

އުދުހުމުގެ ބައި ކުރިއަށް ގެންދާނީ ރިފްރެޝާ ޕްރޮގްރާމުގައި ދަރިވަރުންގެ ފެންވަރު ދެނެގަތުމަށް ފަހުގައެވެ.

މިދިޔަ މަހުގެ 28 ގައި އޭވިއޭޝަން އެކަޑަމީގެ ނަމުގައި އިފްތިތާހުކުރި ފްލައިން ސްކޫލް ހިންގުމަށް ހަވާލުކޮށްފައި ވަނީ، ފްލައިން ސްކޫލްތައް ހިންގުމުގައި ވިލާތުގައި ފާހަގަ ކޮށްލެވޭ ކުންފުންޏެއް ކަމަށްވާ ޗެކް ރިޕަބްލިކްގެ "ފްލައިން އެކަޑަމީ"އަށެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުން އައްޑޫ ގަމުގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިން ސްކޫލް ހިންގަން ވަނީ ނިންމާފައެވެ.