އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ޕައިލަޓުން ތަމްރީނު ކުރުމަށްޓަކައި ހަދާފައިވާ އޭވިއޭޝަން އެކަޑަމީ އަށް އާ މަލްޓި އިންޖީން ފްލައިޓެއް ގެނެސްފިއެވެ.

އޭވިއޭޝަން އެކަޑަމީން ގެނެސްފައި ވަނީ ޓެންކެމް މަރުކާގެ ޕީ2006ޓީ-އެމްކޭ2 މޮޑެލްގެ ބޯޓެކެވެ.

އެ އެކަޑަމީން ބުނީ، އިއްޔެ އިރުއޮއްސި 6 ޖަހާކަން ހާއިރު، މާލޭގެ ބަނދަރުން ފްލައިން ސްކޫލް ހިންގާ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެ ބޯޓުގެ ބައިތައް ގެންދެވޭނެ ކަމަށާއި، ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ބޯޓުގެ ބައިތައް ރާވައި، ދަރިވަރުންނަށް ތަމްރީނުތައް ދިނުމަށް ބޭނުން ކުރާނެ ކަމަށެވެ.

އެގޮތުން ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައި ވަނީ މަލްޓި އިންޖީން ޓްރޭނިން ކަމަށްވެސް އެ އެކަޑަމީން ބުނެފައި ވެއެވެ.

އޭވިއޭޝަން އެކެޑަމީގައި ކިޔަވައިދޭން ފަށާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގައެވެ. 35 ދަރިވަރުންނާއެކު ފްލައިން ސްކޫލްގެ ރިފްރެޝާ ޕްރޮގްރާމް ފަށާފައި ވާއިރު، އެ ޕްރޮގްރާމްގެ ދަށުން، 150 ގަޑިއިރުގެ ތިއަރީ ކްލާހާއި 10 ގަޑިއިރުގެ އުދުހުން، ކޮންމެ ހޯމަ ދުވަހަކުން ބުރާސްފައްޗަށް، މެންދުރު ފަހު 1 އިން އިރުއޮއްސި 6 އަށް ގެންދަން ވަނީ ނިންމާފައެވެ.

އުދުހުމުގެ ބައި ކުރިއަށް ގެންދާނީ ރިފްރެޝާ ޕްރޮގްރާމުގައި ދަރިވަރުންގެ ފެންވަރު ދެނެގަތުމަށް ފަހުގައެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަނީ އައްޑޫ ގަމުގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައެވެ. އަދި ފްލައިން ސްކޫލް ހިންގަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.