ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވާލުމުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި، އެ ދެ ބިމާއި ޅ. ޅޮއްސަލަފުށި އަލުން ދޭން ސަރުކާރުން ނިންމައިފިއެވެ.
އެ ދެ ބިމާއި ފަޅު ރަށް އަލުން ދޭން ނިންމާ މި ހަފްތާގައި އެއްބަސްވުމުގައި ސޮއިކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލް ކުރުމުން 200 މިލިއަން ރުފިޔާ (ތިން ބިލިއަން ރުފިޔާ) ހޯދުމަށް އެ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އެޅިއެވެ. އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކަން އެ ކުންފުންޏަށް ދިނީ އޯޑިއޯން އާއި ނާދީ ހުރި ބިމެވެ. އެއްބަސްވުމުގެ ދަށުން، ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދިނެވެ. އެކަމަކު މަސައްކަތް ފަށަން ދިން މުއްދަތުގައި އެކަން ކުރިއަށް ނުދިޔަ ކަމަށް ބުނެ އެއްބަސްވުން ބާތިލުކުރަން ނިންމީ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުއެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ ނައިބު ރައިސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ޓާޓާގެ އެއްބަސްވުމުގައި ރައީސް ނަޝީދުގެ ސަރުކާރުން ހެދީ މާލޭގެ 2 ބިމާ ރިސޯޓަށް ވެދުން ކޮށްފި ކަމަށެވެ. އަދި ޓާޓާއިން ކަމެއް ކުރިއަށް ދިވެހިން ތިބެން ޖެހެނީ އަތްގައި ދަށުވެފާ ކަމަށް ސައީދު ވަނީ ސިފަކުރައްވާފައެވެ.
ގެއްލުމުގެ ގޮތުގައި ބޮޑު ބަދަލެއް ދޭން ޖެހިދާނެތީ ޔާމީންގެ ވެރިކަމުގައި ވެސް ޓާޓާ އަށް ލަގްޒަރީ ފްލެޓް އަޅަން ކުރީގެ ކުނިކޮށިން ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމާއި ނާދީ ހުރި ތަން އަދި ރިސޯޓު ހަދަން ރަށެއް ވެސް ދޭން ނިންމާ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ލަފާ ހޯދަން ވެސް ފޮނުވިއެވެ.