ބޭރަށް ހިންގާ އިރު، ފިނި ނުކޮށް ފިހާރަތަކުގައި ހުންނަ ޔޯގަޓަށް ވުރެ ބަތްޕެން މާ ރަނގަޅުވާނެ ކަމަށް އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް އެހެން ވިދާޅުވި އިރު ބޭރަށް ހިންގާ، ވަރުދެރަ ވުން ދިމާވާތީ ގިނަ ބަޔަކު ޔޯގަޓް ކާކަން ފާހަގަ ކުރެވެއެވެ. އަދި ކުޑަކުދިންނަށްވެސް ދޭކަން ފާހަގަ ކުރެވެއެވެ.
މި ދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށާއި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެޗްޕީއޭއިން ބުނީ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި އާދަޔާ ހިލާފަށް ކަރުހިއްކުމާއި ބޮލަށް އެނބުރުން އެރުމާއި މާ ބޮޑަށް ވަރުބަލިވުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެ ބަލީގެ އަލާމާތެއްގެ ގޮތުގައި ކުޑަކަމުދެވޭ ވަރު މަދުވުމާއި ހޮޑު ނުވަތަ ބޮޑުކަމުދާ ވަގުތު އޭގައި ލޭގެ އަސަރު ހުރުމާއި އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން ހިމެނޭ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
މިއަދު ފައިސަލް ވިދާޅުވީ ބޭރަށް ހިންގާ އިރު ދޭން ފޮތްފޮތުގައި ލިޔެފައި އޮންނަ ޔޯގަޓު އެއީ މާލޭގައި ވަރަށް ތަދު އެއްޗެއް ކަމަށެވެ. އަދި ފިހާރަތަކުގައި އާންމުކޮށް ވިއްކަން ހުންނަނީ އެކި ފްލޭވާތައް އަޅައިގެން ހަދައިފައި ހުންނަ އެއްޗެހި ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ފިނި ނުކޮށް ފިހާރަތަކުގައި އެ ހުންނަނީ ޔޯގަޓު ނޫން ކަމަށާއި އެއަށް ޔޯގަޓާ އެންމެ ގާތްނަމަކަށް ކިޔަސް ކިޔޭނީ "ޔޯގަޓް ޑްރިންކް" ކަމަށެވެ. އަދި އެ ދީގެން ބޭރަށްހިންގުން އިތުރަށް ގޯސްވުން ގާތް ކަމަށާއި އެއަށް ވުރެ ބަތްޕެން މާ ރަނގަޅުވާނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
އެޗްޕީއޭއިން ވަނީ ބޭރަށް ހިންގާނަމަ ތިމާއާއި އެހެން މީހުންގެ ރައްކާތެެރި ކަމަށްޓަކައި އެޅޭނެ ފިޔަވަޅުތަކެއްވެސް ކިޔައިދީފައެވެ. އެޗްޕީއޭއިން ބުނީ ގިނަގިނައިން ލޮނު ޕެކެޓް، ފެން، ސޫޕް ފަދަ ދިޔާތަކެތި ބޭނުން ކުރުމާއެކު ފާހާނާ ކުރުމަށް ފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮންނަށް ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން ބޭރަށް ހިންގުމުގެ އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ސްކޫލަށް ނުފޮނުވުމާއި މަސައްކަތަށް ނުނިކުމެ ގޭގައި އަރާމުކުރުމަށާއި އާންމުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށްވެސް އެދިފައި ވެއެވެ.