ބޭންކް އޮފް މޯލްޑިވްސް އިން ގދ. ހޯޑެއްދޫގައި ކޭޝް އޭޖެންޓް ބޭންކިން ތައާރަފު ކޮށް މިހާތަނަށް 100 އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާ ކުރުމާއި ޕޭމަންޓް ހިދުމަތް ލިބޭގޮތް ބޭންކުން ހަމަޖެއްސީއެވެ.
އޭޖަންޓް ބޭންކިން ގެ ހިދުމަތަކީ ބްރާންޗެއް އަދި އޭޓީއެމް އެއް ނެތް ރަށްރަށުގައި އޭޖަންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ތައާރަފު ކުރެވުނު ހިދުމަތެކެވެ. 2015 ވަނަ އަހަރު މި ހިދުމަތް ފެށިފައި ވަނީ ހަމަ އެކަނި ފައިސާ ނެގުމުގެ ހިދުމަތާއެކުވެ.
ނަމަވެސް މިއަދު، އޭޖަންޓުން މެދުވެކޮށް އަތޮޅުތެރޭގައި އެއްވެސް ފީ އަކާނުލާ މިހާރު ފައިސާ ނެގުމާއި، ޖާމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް މި ވަނީ ފަހިކޮށް ދީފައެވެ. ކަސްޓަމަރުންނަށް ކޭޝް އޭޖަންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާއާ ހަމަޔަށް ފައިސާ ނެގޭނެއެވެ. އަދި ދުވާލަކު 10،000 ރުފިޔާއާ ހަމަޔަށް ފައިސާ ޖަމާ ކުރެވޭނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރްދީ ވިދާޅުވީ، މިއަދު މި ފާހަގަ ކުރެވެނީ ބީއެމްއެލްގެ އޭޖަންޓް ބޭންކިން ހިދުމަތް 100 އެޖެންޓުން މެދުވެރިކޮށް ދޭން ފަށާ މުހިންމު މުނާސަބާއެއް ކަމަށެވެ. މިއީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށްދި ނުމަށް ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ބްރާންޗެއް ނުވަތަ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިން ހިދުމަތް ފަސޭހަ ކަމާ އެކު ހޯދޭނެ ނިޒާމެއް ކަަމށް އޭނާ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 76 ސެލްފް ސާވިސް ބޭންކިން ސެންޓާ، 134 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ.