އިގުތިސޯދީ އަދި މާލީ އަނދަވަޅަކަށް ވެއްޓިފައިވާ އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައިވާ ޑޮލަރު ލިބުމުގެ ދަތިކަމުގެ ނޭދެވޭ އަސަރު، އެ ގައުމުގައި ހަކަތަ ފޯރުކޮށްދިނުމަށް އޮޕަރޭޓްކުރާ ބޯޓުދެލި ޕްލާންޓްތަކަށް ފޯރާފައި ވާ ކަމަށް، ސްރީލަންކާގެ އިލެކްޓްރިސިޓީ ބޯޑު (ސީއީބީ) އިން ބުނެފިއެވެ.

ސީއީބީގެ ޗެއާމަން އެމްއެމްސީ ފާޑިނާންޑޯ ވިދާޅުވީ، ބޯޓުދެލި ޕްލާންޓްތަކަށް ކުރިމަތިލާން ޖެހިފައި ވާ އެންމެ ބޮޑު އެއް ދަތި ކަމަކީ، ޑޮލަރު ތަދުވުން ކަމަށެވެ. އެގޮތުން ސްރީލަންކާއަށް ބޯޓުދެލި އެތެރެ ކުރުމަށް ޓެންޑަރަށް ހުޅުވާލުމުން، އެކަމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް، އިސް ނަގާފައި ނުވާ ކަންވެސް ފާޑިނާންޑޯ ވަނީ ފާހަގަ ކުރައްވާފައެވެ.

ސީއީބީއަށް ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންއިން ތެޔޮ ގަތުމަށް ފައިސާ ނުދެއްކޭ ކަމަށްވެސް ހަބަރު ލިބެއެވެ. އެހެން ކަމުން، ލޯނުގެ ގޮތުގައި ހަކަތަ ފޯރުކޮށްދެވެން ނެތް ކަމަށް، ސްރީލަންކާގެ ހަކަތައާ ބެހޭ ވަޒީރު އުދައްޔާ ގަންމަންޕިއްލާ ވަނީ ވިދާޅުވެފައެވެ.

ސީއީބީގެ ޗެއާމަން ވިދާޅުވީ، ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އެ ބޯޑަށް ލިބެން ޖެހޭ ފައިސާ ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، ވީ ވަރަކުން ހިދުމަތަށް ބުރޫ އެރުމެއް ކުރިމަތި ނުވާނެ ގޮތަށް، އެ ބޯޑުން މަސައްކަތް ކުރަމުން ގޮސްފައި ވާނެ ކަމަށްވެސް ފާޑިނާންޑޯ ވަނީ ވިދާޅުވެފައެވެ.