ރާއްޖެއިން ޗައިނާއާއެކު ފަސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސޮއި ކޮށްފައިވަނީ ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމަށާއި އިގްތިސާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމާއި ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގެ އިތުރުން ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުމަކާއި އަދި ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރުމުގެ އެއްބަސްވުމެވެ.

މިއަދު ޗައިނާއާއެކު ސޮއެކުރެވުނު އެއްބަސްވުންތައް:

  • ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން

ލޮލުގެ ބަލިތަކަށް ފަރުވާދޭ ހާއްސަ ކްލިނިކަކާއި ކޭމްޕެއް މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ހިންގާނެއެވެ. މި އެއްބަސްވުމުގައި ފުރަތަމަ ފިޔަވަހި ސޮއިކުރެވުނީ 2019 ވަނަ އަހަރުގައެވެ. އޭރު ސޮއެކުރެވުނު ދެ އަހަރުގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ ލޮލުގެ ފަރުވާދޭ ޚާއްސަ ކޭމްޕެއް ހިންގާފައިެވެ. މިއަދު ސޮއިކުރެވުނީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ސޮއިކުރެވުނު އެއްބަސްވުމެކެވެ.

  • އިގްތިސާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުން

މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 968 މިލިއަން އެއްލައްކަ ނުވަދިހަ ހަތް ހާސް ހަ ސަތޭކަ އެކާވީސް ރުފިޔާ (62.8 މިލިއަން އެމެރިކާ ޑޮލަރު/400 މިލިއަން ޔުއާން) ގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދޭނެއެވެ. މިއީ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީ ހޭދަކުރަން ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީއެކެވެ.

  • ވިސާ އެގްޒެމްޝަން އެއްބަސްވުން

މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެއެވެ. ދިވެހިންނަށް ޗައިނާއަށް ދިއުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ. އަދި މި އުސޫލަށް އަމަލުކުރަން ފަށާނީ ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށް އެއްބަސްވުމުގައިވެއެވެ.

  • ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުން

މިނިސްޓްރީން ބުނީ ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. ބްރިޖް ދިވެހި ސަރުކާރާ ހަވާލުކުރުމަށް ފަހު ދެ އަހަރުގެ މުއްދަތަކަށް ބްރިޖްގެ މަރާމާތުގެ މަސައްކަތް ބެލެހެއްޓުމަށް ޗައިނާއާއެކު ކުރިން ވެވުނު އެއްބަސްވުމުގައިވެއެވެ. އާ އެއްބަސްވުމުގެ ދަށުން މި މަސައްކަތް ޗައިނާއިން އަނެއްކާވެސް ކުރިއަށް ގެންދާނެއެވެ.

  • 5 ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރުމުގެ އެއްބަސްވުން

މި އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރެވޭނެއެވެ. މި ޕްރޮޖެކްޓަކީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރައްވާ މި ދަތުރަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުގައި ދެއްވި ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރެކެވެ.