ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން، މި އަހަރުގެ ގްރެމީ އެވޯޑްސް ހަފުލާ، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

މިއުޒީ ދުނިޔޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްގެ ގޮތުގައި ސިފަ ކުރަމުން އަންނަ ގްރެމީ އެވޯޑްސްގެ މި އަހަރުގެ ޝޯ ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި އޮތީ، ޖެނުއަރީ 31 ވަނަ ދުވަހު، އެމެރިކާގެ ލޮސް އެންޖަލީސް (އެލްއޭ) ގައެވެ.

ޝޯ ބްރޯޑްކާސްޓް ކުރަން ހަމަޖެހިފައިވާ ސީބީއެސްއާއި ރެކޯޑިންގް އެކަޑަމީއިން ބުނީ، އޮމިކްރޯން ވޭރިއަންޓް ފެތުރެމުން ދާ މި ދަނޑިވަޅުގައި، ޖެނުއަރީ 31 ވަނަ ދުވަހު ޝޯ ކުރިއަށް ގެންދިއުމުގައި ބޮޑެތި ނުރައްކާތަކެއް ހުރި ކަމަށެވެ. އަދި ޝޯ ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށްވެސް ސީބީއެސްއާއި ރެކޯޑިންގް އެކަޑަމީއިން އާންމު ކުރި ގުޅިފައި ވާ ބަޔާނުގައިވެއެވެ.

2021 ވަނަ އަހަރުވެސް ގްރެމީ އެވޯޑް ހަފުލާ ވަނީ ފަސްކޮށްފައެވެ. ޖެނުއަރީގެ ބަދަލުގައި އެ އަހަރުގެ ޝޯ ކުރިއަށް ގެންދިޔައީ މާޗްމަހުއެވެ. އަދި ޝޯގެ ބައެއް ސެގްމަންޓްތަކަކީ ދުރާލާ ރެކޯޑް ކޮށްގެން ގެނެސްދިން ސެގްމަންޓްތަކެކެވެ. ޝޯއަށް ހާޒިރުވީ މަދު އަދެއްގެ ބައެއް ކަމުގައި ވާއިރު، ޖިސްމާނީ ގައިދުރުކަންވެސް ޝޯގެ ތެރޭގައި ތަންފީޒު ކޮށްފައިވެއެވެ.