ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ފަރާތުން ބ. ގޮއިދޫގައި ބާބަކިއު ހެދުމަށް ހާއްސަ ސަރަހައްދެއް ގާއިމް ކޮށްފިއެވެ.

ބާބަކިއު ހެދުމަށް ފަރުމާކޮށްފައިވާ މިތަން ތަރައްގީކޮށް އާންމުންނަށް ބޭނުން ކުރެވޭނެހެން މިހާރު ވަނީ ހުޅުވާލާފައެވެ. މި ތަން ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެ ގޮތަށް ހިޔާވާނެ ގޮތަށް ހަޓް ހަދައި، ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ބޭނުން ކުރާނެ ބެންޗާއި މޭޒް ވަނީ ބަހައްޓާފައެވެ. އަދި ކުނި އެޅުމަށް މި ސަރަހައްދުގައި ވަނީ ޑަސްބިން ވެސް ބަހައްޓާފައެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު ސައީދު ވިދާޅުވީ، ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފާހަގަކޮށްލެވޭ އެތައް ޕްރޮޖެކްޓެއް ހިންގުމަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައި ކަމަށެވެ. އަދި މި ޕްރޮޖެކްޓްތަކާއެކު އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުން ވެސް އިތުރު ފުރިހަމަ ކަމެއް ރަށްރަށުގެ ރައްޔިތުންނަށް ލިބެމުންދާ ކަމަށް ސައީދު ފާހަގަ ކުރެއްވިއެވެ. ގޮއިދޫގެ ކުދިބޮޑު އެންމެން ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލަށް އުފާވެރި މާހައުލެއް ގާއިމް ކުރުމަށް މި ފަންޑުގެ ދަށުން މި ޕްރޮޖެކްޓަށް އެހީތެރިވެ އަދި ކާމިޔާބުކަމާއެކީ ނިންމާލެވުނު ކަމީ ބީއެމްއެލަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަސް ވެސް ސައީދު ވިދާޅުވިއެެވެ.

ބ. ގޮއިދޫ ސްޕޯރޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ރައީސް ހަސަން ނިޒާމް ވިދާޅުވީ، ރަށުގެ ތުނޑި ޕިކްނިކް އޭރިޔާއަކަށް ހެދުމުގެ އެންމެ ބޮޑު މަގުސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ. މި ޕްރޮޖެކްޓަށް ބޭންކް އޮފް މޯލްޑިވްސް އިން ދިން އެހީތެރިކަމަށްޓަކައި ބޭންކަށް ހާއްސަ ޝުކުރެއް އޭނާ އަދާ ކުރިއެވެ. އަދި މި މަސައްކަތް ކާމިޔާބުކަމާ އެކީ ނިންމާލުމުގައި ރަށުގެ އެކި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް އެ ފަރާތްތަކަށް ވެސް ވަރަށް ހާއްސަ ޝުކުރެއް އޭނާ އަދާކުރިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށް ދީފައެވެ.