ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން ބޭއްވުމަށް ކައިރިވެފައި ވަނިކޮށް އެ ރަށުގައި ދަނޑެއް އަޅަން ޔޫތު މިނިސްޓްރީ އިން ނިންމައިފިއެވެ.

މި އަންނަ ފެބުރުއަރީ މަހުގެ 5 ވަނަ ދަވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައިއިލެކްޝަންގެ އިންތިހާބުގައި 3 ޕާޓީން ވާދަ ކުރާއިރު ކެމްޕެއިންގެ ހަރަކާތުގެ ފޯރި ވަނީ ގަދަވެފައެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވީ ކޮމަންޑޫގައި ފުޓުބޯޅަ ދަނޑެއް ނެތި 30 އަހަރު ވެފައިވާ ކަމަށާއި އަދި އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން އެ ރަށުގައި ފުޓުބޯޅަ ދަނޑެއްް ގާއިމުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގަ މަސައްކަތް ފެށޭނެ"
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު

ކޮމަންޑުގައި ދަނޑެއް އަޅަން މިއަދު ނިންމައިފާ ވަނީ ސަރުކާރުން ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި މަސައްކަތްތައް ކުރަމުން ކަމަށާއި ފެނަކަ ކޯޕަރޭޝަންގައި ގިނަ މަގާމުތަކެއް އުފައްދައި، މީހުންނަށް މަގާމުތައް "ބަހަމުން" ދާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ތުހުމަތު ކުރައްވައިފާ ވަނިކޮށެވެ.

މީގެ އިތުރުން އިދިކޮޅުގެ ޕީޕީއެމްގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެއީ މާކުރިން ވެސް ނިމިފައިވާ ކަމެއް ކަމަށާއި މިއޮތް ހުރިހާ ދުވަސް ވީއިރުގައި ކޮމަންޑޫގެ ޒުވާނުން މަތިން މިނިސްޓަރ މަހުލޫފު ހުންނެވީ ހަނދުމަ ނެތިފައި ކަމަށެވެ.

ކުއްލިއަކަށް ކޮމަންޑޫގެ ރައްޔިތުން މަތިން މިނިސްޓަރު ހަނދުމަ ވެއްޖެ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ ކޮމަންޑޫގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި އެ ދަނޑު ޒުވާނުންނަށް ހޯއްދަވައިދެއްވީ އިދިކޮޅުން ކަމަށް ވެސް އޭނާގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.