ސްކޫލުތައް 2 ވަނަ ޓާމަށް ހުޅުވޭއިރު ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވާން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިވާ އޮމިކްރޯން ވޭރިއެންޓާ ގުޅިގެން އެޗްޕީއޭ އިން އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް ސްކޫލުތަކުގެ ސަމާލުކަމަށް އަންގާފައެވެ.
ސްކޫލުތަކުން ތަންފީޒުކުރުމަށް އާންމުކޮށްފައިވާ މިންގަނޑުތައް:
- ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން އަދި ސްކޫލު މުވައްޒަފުން ރާއްޖެ އަންނަތާ 3 ނުވަތަ 5 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށާއި މިޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުނުވުން.
- މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު އެހެން ރަށަކަށް ދަތުރުކޮށް، އެރަށުގެ ސްކޫލަކަށް ހާޒިރުވާނަމަ އެފަރާތުންވެސް އެރަށަށް އަންނަތާ 3 ނުވަތަ 4 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށާއި މިޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުނުވުން.
- ސްކޫލުތެރޭގައި ދަރިވަރުންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން އުޅުން އަދި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމް ސްކޫލުގައި ހަމަޖައްސާފައި ހުރުން.
- މިދުވަސްވަރު އެއްވެސް މުވައްޒަފަކު ނުވަތަ ދަރިވަރަކުވެސް ސްކޫލުގެ ތެރޭގައި ގުރޫޕް ހަދައިގެން ކައިބޮއި ނުހެދުން.
- ސްކޫލުތެރޭގައި ގާއިމްކޮށްފައިވާ "އިންފެކްޝަން ކޮންޓްރޯލް މެޝާސް" ގެ އެންމެހާ ކަންކަން ފުރިހަމައަށް ތަންފީޒުކުރުން.
އަހަރުގެ ފުރަތަމަ ޓާމުގެ ޓެސްޓަށްފަހު ސްކޫލު ބަންދުކޮށްފައި ވަނީ ޑިސެމްބަރު 23، 2021 ގައެވެ. އަދި ޗުއްޓީއަށް ފަހު ސްކޫލު ހުޅުވާނީ މިމަހު 16ގައެވެ.
ކޮވިޑް ކޭސްތަކަށް ބަލާއިރު މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނަ އިރު، އިއްޔެ ޖުމްލަ 224 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން 102 މީހަކު ޕޮޒިޓިވް ވެފައި ވާއިރު އަތޮޅުތެރެއިން 48 މީހަކާއި ރިސޯޓްތަކުން 74 މީހަކު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ.
މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނަ އިރު، މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ސްކޫލް ބަންދުވުމުން އައިސް އުޅޭ ކަން ފާހަގަ ކުރެވެއެވެ. ހަމައެއާއެކު އާ އަހަރާ ދިމާކޮށް ބޭއްވި މިއުޒިކް ޝޯ ބެލުމަށާއި އަދި މަގުމަތީ ބާޒާރު ފެށުމުން އެތަނަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ވުމާއި ހިތާނީ ސީޒަން ފެށި ކައިވެނި ޕާޓީތަކާއި އެކި ހަފްލާތައް ބާއްވާ ގިނަ މީހުން އެއްތަނަކަށް އެއްވަމުން ދިއުމަކީ މިވަގުތު ކޭސްތައް އިތުރުވެގެން ހިނގައިދާނެ ކަމެއް ކަމަށް ބައެއް މީހުން ބުނެއެވެ.