ކުރިން ކުރި އިއުލާނުތައް ބާތިލް ކުރުމަށް ފަހު، އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލާފައި ވަނީ، އެ ކޮމިޝަންގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމުން، ކޮމިޝަނުގެ ބޯޑު ހުސްވުމާ ގުޅިގެންނެވެ.

އެންމެ ފަހުން އޭސީސީގައި ތިއްބެވީ، ރައީސް މަރިޔަމް ޝިއުނާ އާއި، ނައިބު ރައީސް ފާތިމަތު އަނޫލާ އާއި، މެމްބަރު އައިޝަތު އަބްދުﷲ އެވެ. ނަމަވެސް، އެ ތިން ބޭފުޅުން މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމާ ގުޅިގެން، އެ ތިން ބޭފުޅުންވެސް ވަނީ މިދިޔަ މަހުގެ 27 ގައި އިސްތިއުފާ ދެއްވާފައެވެ.

ރައީސް އޮފީހުން އެންމެ ފުރަތަމަވެސް އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، އެ ކޮމިޝަންގެ ކުރީގެ މެންބަރުން ކަމަށްވާ މުހައްމަދު ޝަކީލާއި އަލީ އަޝްރަފް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަމަވެސް އޭސީސީގެ ބޯޑު ހުސްވުމުން އެ އިއުލާނުތައް ބާތިލްކޮށް، އަލުން އެ ފުރުސަތު ހުޅުވާލީ މިއަދެވެ.

އެގޮތުން، މިމަހުގެ 17 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 12:30 ގެ ނިޔަލަށް ރައީސް އޮފީހުން ވަނީ އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.