ހުސްވި ޑިސެމްބަރު މަހު އަވަށްޓެރި އިންޑިއާއިން މުދާ އެކްސްޕޯޓް ކުރި މިންވަރު ރެކޯޑް އަދަދަކަށް އިތުރު ވެފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިންޖިނޭރު ކަމާ، ޕެޓްރޯލިއަމް އަދި ޖަވާހިރާ ގަހަނައަށް އޮތް ބޮޑު ޑިމާންޑާއެކު، ޑިސެމްބަރު 2021 ގައި އިންޑިއާއިން ވަނީ 37.29 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓް ކޮށްފައެވެ.

އިންޑިއާގެ ވިޔަފާރިއާއި ސިނާއީ މަސައްކަތްތެރިކަމާ ބެހޭ ވުޒާރާއިން އާންމު ކުރި ވަގުތީ ތަފާސް ހިސާބުތަކަށް ބަލާއިރު، އޭޕްރިލް 2021 އާއި ޑިސެމްބަރު 2021 އާ ދެމެދު އެ ގައުމުން އެކްސްޕޯޓް ކުރި މުދަލުގެ އަގުތައް، ގާތްހަނޑަކަށް 300 ބިލިއަން ޑޮލަރަށް އަރައެވެ.

މިއީ 2020 ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 48.5 ޕަސެންޓް، އަދި 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 26 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ، 2022 ވަނަ މާލީ އަހަރަށް އިންޑިއާއިން ކަނޑައެޅި 400 ބިލިއަން ޑޮލަރުގެ އަމާޒުގެ 4 ބައިކުޅަ 1 ބައި ހާސިލުވުމެވެ.

ތަފާސް ހިސާބުތަކުގެ ތަފްސީލުތަކަށް ބަލާއިރު، އެކްސްޕޯޓްގެ 80 ޕަސެންޓް ހިއްސާ ކޮށްފައި ވަނީ އަސާސީ މުދަލުގެ ގިންތީގެ އުފެއްދުންތަކެވެ. އިންޖިނޭރު ކަމާ ގުޅޭ އުފެއްދުންތައް އެކްސްޕޯޓް ކުރި މިންވަރު، ކުރީ އަހަރާ އަޅާ ބަލާއިރު 37 ޕަސެންޓް އިތުރު ވެފައި ވާ އިރު، ޖަވާހިރާއި ގަހަނާގެ އުފެއްދުންތައް އެކްސްޕޯޓް ކުރި މިންވަރުވެސް އަހަރުން އަހަރަށް ވަނީ 8 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައެވެ.

ޑިސެމްބަރު 2021 ގައި އިންޑިއާއަށް އިމްޕޯޓް ކޮށްފައި ވަނީ 59.27 ބިލިއަން ޑޮލަރުގެ މުދާ ކަމުގައި ވާ އިރު، މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 38.06 ޕަސެންޓް އަދި ޑިސެމްބަރު 2019 އާ އަޅާ ބަލާއިރު 49.7 ޕަސެންޓް އިތުރު އަދަދެކެވެ.

މި ދަނޑިވަޅަކީ ކޮވިޑް-19ގެ އާ ވޭރިއަންޓެއް ކަމަށް ވާ އޮމިކްރޯންގެ ކޭސްތައް ހަލު ދުވެލީގައި ފެތުރެމުންދާ ދުވަސްވަރަކަށް ވީ ނަމަވެސް، އެ ކަމުގެ ސަބަބުން މުދަކުގެ ސަޕްލައި ޗޭނަށް ބުރޫ އަރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް އިންޑިއާއިން ބުނެއެވެ.