2021 ވަނަ އަހަރުގެ ފަހުކޮޅު ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ރިޕޯޓްކުރި އޮމިކްރޯން ވޭރިއަންޓާ ގުޅޭ ކޮވިޑް-19ގެ ކޭސްތައް އިތުރު ވަމުން ދިއުމަކީ، މި ބަލީގެ އާ، އަދި ނުރައްކާ ވޭރިއަންޓް ތަކަކަށް މަގު ތަނަވަސް ކޮށްފާނެ ކަމެއް ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.

އޭއެފްޕީއަށް މައުލުމާތު ދެމުން، ޑަބްލިއުއެޗްއޯގެ ވިލާތު ގޮފިން ވަނީ، ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވެގެން ދިއުމަކީ، އިދިކޮޅު ނަތީޖާތަކަކަށް މަގު ފަހިކޮށްދާނެ ކަމެއް ކަމަށް ބުނެފައެވެ.

ޑަބްލިއުއެޗްއޯގެ ސީނިއާ އެމާޖެންސީޒް އޮފިސާ، ކެތަރީން ސްމޯލްވުޑް ވިދާޅުވީ، އޮމިކްރޯން ފެތުރި، ގިނަ ބަޔަކަށް އެ ބަލި ފޯރާ، ނަކަލު ވަމުން ދަނީ ނަމަ، އިތުރު ވޭރިއަންޓް ތަކެއް އުފެދުމުގެ ފުރުސަތު ގާތް ކަމަށެވެ. ޑެލްޓާއާ އެއް ދަރަޖާގައި ނޫން ކަމުގައި ވީ ނަމަވެސް، އޮމިކްރޯން އަކީ ފުރާނައަށް ގެއްލުން ދެނިވި ވޭރިއަންޓެއް ކަމަށް އޭނާ ވަނީ ސިފަ ކުރައްވާފައެވެ.

އޮމިކްރޯން އަކީ ކުރީގެ ވޭރިއަންޓްތަކާ އަޅާ ބަލާއިރު ބަލީގެ މާ ބޮޑު އަލާމާތްތަކެއް ހަށިގަނޑުން ބޭރަށް ނުދައްކާ ވޭރިއަންޓަކަށް ވީ ނަމަވެސް، މިހާތަނަށް ހަދާފައި ވާ ދިރާސާތަކުން، އޮމިކްރޯން ވޭރިއަންޓަކީ، ކޮވިޑުން ދިފާއުވާން ތަރައްގީ ކޮށްފައި ވާ ވެކްސިންތަކުގެ އައްޑަނަ ފޫ އަޅުވާލުމުގެ ގާބިލުކަން ލިބިފައި ވާ ވޭރިއަންޓެއް ކަން ވަނީ ހާމަވެފައެވެ.

ސްމޯލްވުޑް ވިދާޅުވީ މިވަގުތަކީ ނުރައްކާ ވަގުތެއް ކަމަށާ، މި ވަގުތަކީ ހުޅަނގު ޔޫރަޕް ސަރަހައްދުގައި އިންތިހާއަށް ކޭސް އިތުރު ވަމުން އަންނަ ވަގުތެއް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ނިކުންނާނެ ނަތީޖާއެއް އަދި ސާފު ނުވާ ކަމަށްވެސް ސްމޯލްވުޑް ވަނީ ވިދާޅުވެފައެވެ.

ފާއިތުވީ 7 ދުވަހަށް ބަލާއިރު، ވިލާތުން ވަނީ 4.9 މިލިއަނަށް ވުރެ ގިނަ، ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައެވެ. ވިލާތުގެ 52 ގައުމަށް ބަލާއިރު 17 ގައުމަކުން ވަނީ، 1 ހަފުތާ ތެރޭގައި އެންމެ ގިނަ ކޭސް ރިޕޯޓް ކުރި ރެކޯޑްވެސް މުގުރާލާފައެވެ.