މާލީ އަދި އިގުތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި ވާ ސްރީލަންކާއިން މިއަހަރުގެ ނިޔަލަށް ހަލާސް ކުރަން ޖެހޭ 6.9 ބިލިއަން ޑޮލަރުގެ ދަރަނި، އަދާ ކުރެވޭނެ ގާބިލުކަން އެ ގައުމުގެ ސަރުކާރަށް ލިބިފައި ވާ ކަމަށް، ސްރީލަންކާގެ މާލީ ވަޒީރު ބާސިލް ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.
ސްރީލަންކާއިން ދައްކަން ޖެހިފައި ހުރިހާ ލޯނުތަކަކީ މިހާތަނަށްވެސް، އެއްވެސް މައްސަލައެއް ނުޖެހި، އަދާ ކޮށް، ހަލާސް ކުރަމުން އަންނަ ދަރަނިތަކެއް ކަމަށް ވާއިރު، ކުރިއަށް އޮތް ތަނުގައިވެސް ލޯން އިންސްޓޯލްމަންޓާއި އިންޓްރެސްޓް، ގަވައިދުން ދައްކަމުން ދާނެ ކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ދަރަނި ދައްކާ ހަލާސް ކުރަމުން ދިއުމަކީ، ސްރީލަންކާގެ އާންމުންނަށް އެކި ގޮތްގޮތުން ފޯރުކޮށްދެމުން އަންނަ އެހީއާއި ތަރައްގީގެ މަޝްރޫއުތަކަށް ހީނަރުކަމެއް ގެނުވާނެ ކަމެއް ނޫން ކަމަށް ވެސް ބާސިލް ރާޖަޕަކްސަ ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންގެ ހާއްސަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބާސިލް ރާޖަކަޕްސަ ވިދާޅުވީ، ސްރީލަންކާއިން މިވަގުތު އެންމެ ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހިފައި ވަނީ ޗައިނާއަށް ކަމަށެވެ. އެގެ ފަހަތުން ޖަޕާނާއި އިންޑިއާއަށް ކަމަށެވެ. މި ފައިސާ ދެއްކުމަށްޓަކާ ސްރީލަންކާއިން އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް އެ ގައުމުގެ މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި ދުވަސްވަރަކީ ބޭރު ފައިސާ ލިބިމުގައި ސްރީލަންކާއަށް ގޮންޖެހުންތަކެއް ކުރިމަތި ވެފައި ވާ ދުވަސްވަރަކަށް ވީ ނަމަވެސް، އެ ފައިސާ ހޯދުމަށް، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)އަށް ނުދާނެ ކަމަށްވެސް ބާސިލް ރާޖަކަޕްސަ ވިދާޅުވިއެވެ. ނަމަވެސް އައިއެމްއެފްއާއެކު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައިވާ ޑޮލަރުގެ ދަތިކަމާ، ޒަރޫރީ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސަމާނު އެތެރުކުމަށް އޮތް ހުރަސްތައް ގިރާ ކުރުމަށްޓަކާ، ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ބާރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ އިންޑިއާއިން، 1 ބިލިއަން ޑޮލަރުގެ ލޯނެއް ދޫކުރުމަށް ހަމަޖެހިފައި ވާ ކަމަށް ސްރީލަންކާގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.
ޑޮލަރުގެ ދަތިކަމުގެ އިތުރުން، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާލު އެތެރެ ކުރުމަށް ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ފޯރުކޮށްދޭ 1 ބިލިއަން ޑޮލަރުގެ ލޯނުގެ އިތުރުންވެސް ލޯނުތަކެއް ދިނުމަށް ހަމަޖެހިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ހަކަތަ ގަތުމަށް 500 މިލިއަން ޑޮލަރު އަދި ފައިސާ ގަނެވިއްކުމަށް 400 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށްވެސް ހަމަޖެހިފައި ވާ ކަމަށް ހަބަރު ލިބެއެވެ.