ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ،"ރައްޔިތުންގެ އިއްތިހާދު" އިން ފުލުހަށް ހުށަހަޅާފައިވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ނުބަލަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިގޮތަށް ނިންމީ އެ އިއްތިހާދުން ހުށަހެޅި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ބަޔާނެއް ނެރުއްވި ފަހުންނެވެ. އެގޮތުން ފުލުހުން ބުނީ، ޖަމިއްޔަތުލް އިއްތިހާދުގެ ނަމުގައި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަަޅާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ފަދަކަމެއް ނޫން ކަމަށެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ތަހުގީގެއް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހަމައެއާއެކު އެ ސިޓީ ހުށަހަޅާފައި ވަނީ ދައުލަތުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ގާނޫނީ ސަހުސަކުން ނޫން ކަމަށާއި އެހެންކަމުން އެ ސިޓީއާ މެދު އަމަލުކުރި ގޮތް އެ ސިޓީ ފޮނުވި ފަރާތަށް އަންގާފައި ނުވާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ސިޓީއާ މެދު މި ހިދުމަތުން އަމަލުކޮށްފައި ވާނީ މި ހިދުމަތާ ހިއްސާކުރާ މައުލޫމާތުތަކާ މެދު އަމަލު ކުރަމުންދާ އުސޫލުން ކަމަށް ފުލުހުން ބުނެއެވެ.

އިސްލާމްދީނާއި ހިލާފަށް ދިވެހިރާއްޖޭގައި ބައެއް ފަރާތްތަކުން ހިންގާ ކަންކަމަކީ ވަރަށް ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުންދާ އަދި މުސްތަގުބަލުގައި ވެސް ތަހުގީގު ކުރާނެ މައްސަލަތަކެެއް ކމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެސިޓީގައި ފާހަގަކޮށްފައި ވަނީ އެފަދަ ކަމެއްގެ މައުލޫމާތެއް ނޫން ކަމަށް ފުލުހުން ބުނެއެވެ.

ރައްޔިތުންގެ އިއްތިހާދުން ރައީސް ނަޝީދުގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައި ވަނީ، ނަސޯރާއިން ފާހަގަ ކުރާ އެއް އީދު ކަމަށް ވާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ފާޅުކަން ބޮޑު ގޮތަކަށް ދިވެހިންނަށް ފޮނުއްވާފައި ކަމަށް ބުނެއެވެ. އަދި އެފަދަ މައްސަލައެއް އޭގެ ކުރީ އަހަރު ވެސް ހުށަހެޅި ކަމަށާއި އެ މައްސަލަ ވެސް ކުރިއަށް ގެންގިސްފައި ނުވާ ކަމަށް އެ އިއްތިހާދުން ބުނެފައި ވެއެވެ.