ފ. ފީއަލީ ކައިރިން މާލެއަށް ފުރައިގެން ދަތުރު ކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ގޮސް، އެ ދޯންޏާއި، ދޯނީގައި ތިބި 3 މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ، މާލެއަށް ފުރައިގެން ދަނިކޮށް، ވ. ފުއްސަރުގެ ކައިރިން އަޑިއަށް ދިޔަ "އަތަމާ-5" ނަމަކަށް ކިޔާ ދޯންޏަކާއި، އެ ދޯނީގައި ތިބި ތިން މީހުން ކަމަށް އެމްއެންޑީއެފުން މީޑިއާތަކަށް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯނި އަޑިއަށްދާ ކަމަށް ރިޕޯޓު ކޮށްފައި ވަނީ ރޭ 11:22 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، އެ ދޯނި އަޑިއަށްދާ ކަމަށް ރިޕޯޓު ކޮށްފައި ވަނީ ފުއްސަރު ކައިރިން ހަތަރު ވަރަކަށް ނޯޓިކަލް މޭލު ބޭރުން ކަމަށާއި، އޭރު އެ ދޯނި ދަތުރުކުރަމުން ދިޔައީ ފީއަލި ކައިރިން ފާނަ މަސްވެރިކަން ކުރާ ދޯނި ފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށެވެ.

އަޑިއަށް ގޮސްގެން ރިޕޯޓުކޮށްފައިވާ އަތަމާ-5 ދޯނި ގެއްލުނު ކަމަށް ލަފާކުރެވޭ ސަރަހައްދު / ފޮޓޯ: އެމްއެންޑީއެފް

ދޯންޏާއި މީހުން ހޯދުމަށްޓަކައި މާލޭ އޭރިޔާ ކޯސްޓް ގާޑްގެ ސްކޮޑްރަނުން ހަރަކާތްތެރި ވަމުން ދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.