ކުރީގެ އެއްބަސްވުން ބާތިލްކޮށް، އައްޑޫ ހިތަދޫގައި ގޭދޮށު މަސް ފެކްޓްރީ ހަދަން އެހެން ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

ހިތަދޫގައި ހަދާ ގޭދޮށު މަސް ފެކްޓްރީ ހަދަން އެންމެ ފުރަތަމަ ހަވާލުކުރީ، މިދިޔަ މޭ މަހު އިންޑިއާގެ އެލްނާތު މޯލްޑިވްސް ކުންފުންޏާއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން، 280 ދުވަހުގެ ތެރޭގައި މަސް ފެކްޓްރީ އަޅައި ނިންމަން ޖެހެއެވެ.

ނަމަވެސް، އެކުންފުނިން އެ މަޝްރޫއު ކުރިއަށް ނުގެންދާ ކަމަށް ބުނެ، އައްޑޫ ކައުންސިލުން ވަނީ އެލްނާތާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައި އެހެން ކުންފުންޏަކާ އެކު އާ އެއްބަސްވުމެއް އެކުލަވާލާފައެވެ.

އެހެން ކަމުން، ގޭދޮށު ފެކްޓްރީގެ މަސައްކަތްތައް ކުރުމަށް ކައުންސިލުން މިހާރު ހަވާލު ކޮށްފައި ވަނީ، ސީ ބޮޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެގޮތުން އެ ފެކްޓްރީގެ މަސައްކަތްތައް ހަ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

އެ މަޝްރޫއަށް ހަރަދުކުރަން ނިންމާފައި ވަނީ 14 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮމްޕަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ގެ ދަށުން 5.8 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާއިރު، ބާކީ ބައި ހަރަދުކުރާނީ ސީ ބޮޓްސް އިންނެވެ.

ހިތަދޫގެ އިތުރުން، އައްޑޫގެ މަރަދުއާއި ފޭދޫގައިވެސް ގޭދޮށު މަސް ފެކްޓްރީ ހަދަން ނިންމާފައިވާއިރު، އައްޑޫގައި ގޭދޮށު މަސް ފެކްޓްރީތައް ހެދުމަށް އިންޑިއާ އާ އެކު އެއްބަސްވީ މިދިޔަ ފެބްރުއަރީގައެވެ.

ގޭދޮށު މަސް ފެކްޓްރީތައް ހެދުމަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.