ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ރާއްޖެއަށް މުހިންމު ގައުމުތަކާ އެކު ގުޅުން ބަދަހިކުރުމަށް ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އިން ރޭ ދެއްކި ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު ބޭރުގެ ގައުމުތަކާ އެކު އޮތް ގުޅުން ހީނަރުވެގެން ގޮސްފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި، އެމަނިކުފާނު އިސްކަން ދެއްވީ ރާއްޖެއަށް މުހިންމު ގައުމުތަކާ ގުޅުން ބަދަހި ކުރުމަށް ކަމަށެވެ.

ކިތަންމެ ވަރަކަށް ރައީސް ޔާމީން ސަރުކާރުގައި ދުނިޔެއާ އެކަހެރިވެފައި އޮތޭ ބުންޏަސް ދުނިޔޭގައި ރާއްޖޭގެ ތަރައްގީއަށް މެޓާވާ ހުރިހާ ގައުމުތަކަކާ އަޅުގަނޑުމެންގެ ސަރުކާރަށް ވުރެ ބޮޑު ގުޅުމެއް އުފެއްދި ބަޔަކު ނޫޅޭނެ.
އަބަދުالله ޔާމީން, ކުރީގެ ރައީސް

އެކަމުގެ މިސާލެއްގެ ގޮތުގައި ޔާމީން ދެއްކެވީ، އޯއައިސީގެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތަކެވެ.

"މިކަން އޮތް ހިސާބު ބައްލަވާ. ސައުދީން ސަރުކާރުން އަޅުގަނޑުމެންނަށް އޮފާ ކުރެއްވި ދެންނެވި ތިމަންނާމެން ހަމަޖައްސައިދޭނަމޭ އަރަބި ލީގުގެ ގައުމަކަށް ރާއްޖެ ހަމަޖައްސައިދޭނަމޭ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި ވިލާތުގެ ބައެއް ގައުމުތަކާއި އެމެރިކާ އާ އެކު އޮތީ ރަނގަޅު ގުޅުމެއްނޫން ކަމަށާއި، އެ ގައުމުތަކާއެކު ރަނގަޅު ގުޅުމެއް ނުބޭއްވުނީ ސަބަބުތަކެއް ހުރެގެން ކަމަށެވެ.

"މި ތަންތަނަކީ ޑިމޮކްރަސީގެ ނިޒާމު ފުރިހަމަ ކުރުމާއި އެތަންތަނުގައި ހުންނަ ލިބަރަލް ވެލިއުސް މިތަންތަނުގައި ހުންނަން ވާނެ ކަމަށް ވަކާލާތު ކުރުމާއި މިހެން ހުންނަ ކަންކަމަށް ވަކާލާތު ކުރާ ބައެއް."
އަބްދުالله ޔާމީން, ކުރީގެ ރައީސް

ހަމަ އެހެންމެ، ޔާމީން ވަނީ މި ސަރުކާރުން ބޭރުގެ ބައެއް ގައުމުތަކާ ގުޅުން އޮތީ ނަމެއްގައި ކަމަށް ވިދާޅުވެ، އެ ގުޅުންތަކުން ދިވެހިންނަށް ކުރާނެ ފައިދާތަކަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި މި ސަރުކާރުން ގައުމުތަކާ އެކު ގުޅުންތައް ބާއްވަމުން ގެންދަނީ ރަނގަޅަށްނޫން ކަމަށާއި، ވަކި ކޮޅަކަށް ބުރަވެހުރެ ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މީގެ އިތުރުން، ޔާމީން ވިދާޅުވީ، އެމަނިކުފާނު އެންމެ ބޮޑަށް އިސްކަން ދެއްވީ ރާއްޖެއަށް ފައިދާ ހުރި ގޮތަކަށް ހާރިޖީ ސިޔާސަތުތައް ބައްޓަންކުރުމަށް ކަމަށާއި، ކަން ކުރެއްވެވީވެސް އެގޮތަށް ކަމަށެވެ.