އަސްކަރީ ބަޣާވާތާ ގުޅިގެން ޑިމޮކްރަސީ ދަތުރުގައި ސިއްކަ ޖެހުމާ ގާތްވެފައިވާ ސޫދާންގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނޮވެމްބަރު 2021 ގައި އަސްކަރިއްޔާއާއެކު ސިޔާސީ އެއްބަސްވުމެއްގައި ސޮއި ކުރެއްވި ހަމްދޫކް، ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ، ޓީވީ މެދުވެރި ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އާ އެއްބަސްވުމެއް އެކުލަވާލެއްވުމަށްޓަކާ ވަށްމޭޒު މަޝްވަރާތަކަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

އދގެ ޑިޕްލޮމެޓެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ ހަމްދޫކްއަކީ ސޫދާންގެ ވަގުތީ ސަރުކާރުގެ މަދަނީ ޝަހްސުގެ ގޮތުގައި ހުންނެވި ލީޑަރެވެ. ނޮވެމްބަރު މަހުގެ ތެރޭގައި ބޮޑުވަޒީރު ކަމުގެ މަގާމަށް ހަމްދޫކް އިސްކުރެއްވުނީ ބައިނަލްއަގުވާމީ ޕްރެޝަރާއެކުގައެވެ. އެ ފަހަރުގެ އެއްބަސްވުމަކީ ވަކި ފަރާތަކަށް ނުޖެހޭ، މިނިވަން ބޭފުޅުންނާއެކު، އަސްކަރިއްޔާގެ ބެލުމުގެ ދަށުން ވަޒީރުންގެ މަޖިލީހެއް އެކުލަވާލުމަށް ގޮވާލި އެއްބަސްވުމެކެވެ.

ނަމަވެސް، ސޫދާންގައި ޑިމޮކްރަސީއަށް މަސައްކަތް ކުރާ ހަރަކާތުން ވަނީ އެ އެއްބަސްވުމަށް އިންކާރު ކޮށްފައެވެ. އެ ހަރަކާތުން ޑިމާންޑް ކުރަމުން ދިޔައީ އިންތިގާލީ ވެރިކަމުގެ ހުރިހާ ކަމެއްގައި އިސް ދައުރެއް އަދާ ކުރުމުގެ ފުރިހަމަ ބާރު، މަދަނީ ސަރުކާރަށް ދިނުމަށެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުން ހަމްދޫކް އިސްތިއުފާ ދެއްވާފައި ވާ މި ދަނޑިވަޅަކީ، އޮކްޓޯބަރު 25، 2021 ވަނަ ދުވަހުގެ އަސްކަރީ ބަޣާވާތާ ދެކޮޅަށް، ޑިމޮކްރަސީއަށް ވަކާލާތު ކުރާ ފަރާތްތަކުން ދާދި ފަހުން ކުރިއަށް ގެންދިޔަ މުޒާހަރާތަކަށް، ސޫދާންގެ ސަލާމަތީ ބާރުތަކުން ހުރަސް އަޅާ، 2 މީހެއްގެ ފުރާނަ ގެއްލިފައި ވާ ދަނޑިވަޅެއްގައެވެ.

މިއާއެކު ސޫދާންގެ ބަޣާވާތަށް ފަހު އެ ގައުމުގައި ހިންގި ހަމަނުޖެހުންތަކުގައި މަރުވި މުޒާހަރާ ބައިވެރިންގެ އަދަދު ވަނީ 56 އަށް އަރާފައެވެ.