ހުކުރު ދުވަހު ކ. ގުޅީފަޅު ކައިރިއަށް ބޮވަ ނަގަން މޫދަށް ފޭބި ޝުރައިހު ހޯދުމަށްޓަކައި ގިރާވަރު ކަނޑުގެ 69.3 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ފުޅާކޮށްފައެވެ. އެގޮތުން ހުކުރު ދުވަހު ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކުން ޑައިވްކޮށްގެން 55،000 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، އިއްޔެ އޭނާ ފެނޭތޯ ކޯސްޓް ގާޑުގެ ނޫރައްދީން ލޯންޗާއި ހާބާ ކްރާފްޓް ލޯންޗް ބޭނުންކޮށްގެންވެސް ވަނީ މަސައްކަތްކޮށްފައެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ޝުރައިހް ހޯދުމުގެ މަސައްކަތް ހާބާ ކްރާފްޓް ލޯންޗުގެ އިތުރުން، ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ބޭނުންކޮށްގެން ކުރަމުންދާ ކަމަށާއި، އެގޮތުން ބޮލިފުށްޓާއި، ގުޅިފަޅާއި، ވިލިމާލޭގެ ހުޅަނގު ކަނުން ފެށިގެން ގޮސް ގިރާވަރުގެ އުތުރު ކަނާ ހިސާބަށް ގިރާވަރު ކަނޑުގެ 69.3 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިފައިވާ ކަމަށެވެ.

އަދި މިހާރު ސާފެސް ސާޗް ބޭނުންކޮށްގެންވެސް ޝުރައިހް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޝުރައިހު ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު 8:58 ހާއިރެވެ. އޭނާ ގެއްލުނު އިރު އެންމެ ފަހުން ހުރީ އަޅި ކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެންނެވެ.