މަގާމުން ސަސްޕެންޑު ކުރިތާ ދެ މަސް ދުވަސް ފަހުން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސީއީއޯ އެހްތެޝާމް އަބްދުލް މުހައިމިން މަގާމުން ވަކިކުރަން އެ ބޭންކުން ނިންމައިފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެހެތެޝާމް މަގާމުން ސަސްޕެންޑު ކޮށްފައި ވަނީ، އެމްއައިބީގެ ބޯޑަށް ނާންގައި ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ތިލަވެފައި ވަނިކޮށް، އޭނާ ރާއްޖޭން ބޭރަށް ފުރާފައިވެސް ވެއެވެ.

މިއަދު އެމްއައިބީން ނެރުނު ބަޔާނުގައި ބުނީ، އެހެތެޝާމް އެ ބޭންކުގެ ސީއީއޯގެ މަގާމުން ވަކިކުރުމަށް އިއްޔެ އެ ބޭންކުން ބޭއްވި ބޯޑު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެމްއައިބީން ބުނީ އެގޮތަށް އެ ބޭންކުން ނިންމާފައިވަނީ، އޮކްޓޯބަރުގެ ފަހުކޮޅުން ފެށިގެން ހެދި އެތެރޭގެ ތަހުގީގަކަށް ފަހުގައި ކަމަށެވެ.

އަދި އެހެތެޝާމަކީ ގާނޫނުތަކާއި ގަވައިދުތަކަށް ރަނގަޅު މީހެއް ނޫން ކަމުގައިވެސް އެމްއައިބީގެ އެ ބަޔާނުގައިވެއެވެ.

އެހެންކަމުން، އެހްތެޝާމް ފުރުއްވަމުން ދިޔަ މަގާމު ވަގުތީގޮތުން ފުރުއްވާނީ ސީއޯއޯ އަހުމަދު ރިޒާއެވެ.

އެމްއައިބީގެ ސީއީއޯގެ މަގާމާއި 2019 ވަނަ އަހަރު ހަވާލުވި އެހްތެޝާމް އަބްދުލް މުހައިމިން ވަނީ މި ދާއިރާގައި 30 އަހަރު މަސައްކަތް ކުރައްވާފައެވެ. އެގޮތުން އޭޝިއާ، އޮސްޓްރޭލިއާ، އަދި މެދު އިރުމަތީގެ ބޮޑެތި ކުންފުނިތަކުގައި އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.