މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކާޑުތަކުން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓް ބޮޑުކޮށްފިއެވެ.

އެމްއައިބީގެ އެކައުންޓަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރުމަށް ގެކުރިން ކަނޑައަޅާފައިވާ ލިމިޓަކީ ކޮންމެ މަހަކަށް 100 ޑޮލަރެވެ. އެހެންނަމަވެސް މިހާރު ވަނީ އެ އަދަދު 250 ޑޮލަރަށް ބޮޑުކޮށްފައެވެ.

އެމްއައިބީއިން ބުނީ އެ ބެންކުގެ އެކައުންޓުތަކަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް، ބެންކަށް މުސާރަ ޖަމާކުރަން ފަށާ ފުރަތަމަ މަހުން ފެށިގެން އެ ބެންކުގެ "މިބްނައިން" ކްލަބުގެ މެމްބާޝިޕުގެ ދަށުން މި ފަދަ އެކި ލުއިފަސޭހަތަކާ ފައިދާތައް ލިބޭނެކަމަށެވެ.

މިގޮތުން މެންބަރުންނަށް ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި އެބޭންކުގެ އެންމެ މަގުބޫލު ފައިނޭންސިން ފެސިލިޓީކަމުގައިވާ އުޖާލާ ދިރިއުޅުން މެދުވެރިކޮށް ފައިނޭންސްކުރާނަމަ ޕްރޮފިޓް ރޭޓު 15 ޕަސަންޓުން 13 ޕަސަންޓަށް ކުޑަވުމާއި އަދި ފައިނޭންސިން ޕްރޮސެސިން ފީ އެއް ޕަސަންޓުން 0.5 ޕަސަންޓަށް ކުޑަވެގެން ދިއުން ހިމެނެއެވެ. މީގެ އިތުރުން މެންބަރަކަށްވުމަށްފަހު ނަގާ ވިސާ އެވްރީޑޭ ކާޑުގެ ރެޖިސްޓްރޭޝަން ފީ އުނިވެގެން ދާނެއެވެ.

އެމްއައިބީން "މިބްނައިން" މެމްބަޝިޕް ކްލަބުގެ މެންބަރުންނަށް ކަނޑައަޅާފައިވާ ޑޮލަރު ލިމިޓު ބޮޑުކުރުމާ ގުޅިގެން އެ ބޭންކުގެ އެކައުންޓުތަކަށް މުސާރަ ޖަމާކުރަމުންދާ އެކި އޮފީސްތަކަށް ޒިޔާރަތްކޮށް، ކަސްޓަމަރުންނަށް މައުލޫމު ދިނުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.