ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭ ގޮތައް ތައްޔާރު ކޮށްފައިވާ މޯލްޑިވްސް އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" ލޯންޗު ކޮށްފިއެވެ.
މި ސިސްޓަމް ލޯންޗު ކޮށްދެއްވާފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.
މި ސިސްޓަމް ލޯންޗު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ އެސިސްޓަންޓް ގަވަރުނަރު މަރިޔަމް ހުސެއިން ދީދީ ވިދާޅުވީ ޒަމާނާ އެއްގޮތަށް، ކަސްޓަމަރުންގެ ބޭނުންވާފަދަ އެކަށީގެންވާ ހިދުމަތެއް ލިބެން ނެތުމާއެކު ނަގުދު ފައިސާއާއި ޗެކުފަދަ ވަސީލަތްތަކަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހޭ ކަމަށެވެ.
މި މަޝްރޫއުގެ އެންމެ ބޮޑު އަމާޒަކީ އީޖާދީ ހިދުމަތްތަކެއް ދެވޭނެފަދަ ސިސްޓަމެއް ތައާރަފްކޮށް އިގްތިސޯދީ ކުރިއެރުމުގައި އެންމެހައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރެވޭނެ މަގުތަކެއް ހުޅުވާލަ ދިނުން ކަމަށާއި މި ސިސްޓަމް ފަރުމާކޮށްފައި ވަނީ ޕޭމަންޓް ހެދުމުގައި މިހާރު ހުރި ގޮންޖެހުންތަކަށް ބަލައި އެކަން ކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން މަޝްވަރާ އަދި ދިރާސާތަކެއް ކުރުމަށްފަހުގައި ކަމަށެވެ.
ފަވަރަ ސިސްޓަމުން ލިބޭ ހިދުމަތްތައް:
- ވަގުތުން ފައިސާ ފޮނުވޭ ހިދުމަތް (އިންސްޓަންޓް ޕޭމަންޓްސް)
- ފައިސާ ހޯދުމަށް ފަސޭހަގޮތެއް (ރިކުއެސްޓް ޓު ޕޭ)
- އެކައުންޓް ނަންބަރު ނޫން ގޮތެއް (ސްމާޓް އެޑްރެސިން)
- އެކައުންޓުގެ ސައްހަކަން ކަށަވަރުކުރުން (އެކައުންޓް ވެރިފިކޭޝަން)
ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ހިދުމަތް ލިބިގެންދާ މި ސިސްޓަމްގެ ހިދުމަތް މިރޭ ފަށާފައި ވާއިރު މި ވަގުތު މި ސިސްޓަމް ބޭނުން ކުރަން ފަށާފައި ވަނީ 3 ބޭންކަކުންނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެވެ. އެހެން ބޭންކުތަކުން ވެސް މި ސިސްޓަމްގައި ބައިވެރިވުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
މިއީ ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ އަށް މި ފަހުން އަންނާނެ އެންމެ ބޮޑު ބަދަލު ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އަދި މި ސިސްޓަމްގެ ދެވަނަ ފޭސް ނިމޭއިރު ހިދުމަތްތައް ފުޅާކުރެވި އާ ކަންތައްތައް ތައާރަފްކުރެވި މާފަސޭހަ އީޖާދީ ބަދަލުތަކެއް ރާއްޖޭގެ މާލީ ނިޒާމަށް ގެނެސްދޭކަން އެމްއެމްއޭއިން ފާހަގަ ކޮށްފައި ވާއިރު މިރޭ ލޯންޗުކޮށްފައި ވަނީ މި ސިސްޓަމްގެ ފުރަތަމަ ފޭސްއެެވެ.