އިސްލާމިކް ބޭންކުން އޭނާ އާ ދޭތެރޭ އަމަލުކުރީ ސިޔާސަކޮށް ކަމަށް ވިދާޅުވެ، އެ ބޭންކުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ލޯނު ދެއްކުމާ ގުޅޭ ގޮތުން ވާހަކަ ދެކެވެމުން ދަނިކޮށް ކަމަށް ވިދާޅުވާ ވިދާޅުވުން، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު މިރޭ ވެސް ތަކުރާރުކުރައްވައިފިއެވެ.
ޕްލެޓިނަމް ރެޒިޑެންސްގެ ފްލެޓެއް ބައްލަވައިގަތުމަށް 2016 ވަނަ އަހަރު އާޒިމާ އެމްއައިބީން ނަންގަވާފައިވާ ލޯނަކަށް ގަވައިދުން ފައިސާ ދައްކަވަމުން ނުދާތީ ހަ މަސް ދުވަހުގެ ތެރޭ 4.16 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އޭނާގެ މައްޗަށް ހުކުމްކުރީ މިދިޔަ އަންގާރަ ދުވަހުގައެވެ. އެ ދުވަހުގެރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އެ ހުކުމަށް އަލިއަޅުވާލައްވައި އާޒިމާ ސިފަކުރެއްވީ އެއީ 'ޒާތީ' ހުކުމެއްގެ ގޮތުގައެވެ.
އަދި ބައެއް މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުން، 2016 ގައި އާޒިމާ ބައްލަވައިގެންނެވި ފްލެޓު ގަތުމަށް އެ ތަން ހެދި ކުންފުނިން އޭނާ އަށް ލޯނުގެ ގޮތުގައި ދިން 1.96 މިލިއަން ރުފިޔާ ނުދައްކައިގެން ދައުވާކޮށްފައިވެއެވެ.
މިކަމާ ގުޅިގެން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަފްސީލީ ޖަވާބެއް ދެއްވަމުން އާޒިމާ ވިދާޅުވީ، އަމިއްލަ ނަމުގައި ނަގާފައިވާ ފްލެޓަކީ މޯގޭޖެއް ކަމަށާއި، އެހެންކަމުން އިސްލާމިކް ބޭންކުން އޭނާ ނަންގަވާފައިވާ ލޯނު ނުދެއްކިއްޖެ ނަމަ ބޭންކުން ފްލެޓު އަތުލީމާ މުއާމަލާތް ނިމުނީ ކަމަށެވެ.
ސަރުކާރުގެ އެކި ވުޒާރާތަކުގެ ވަޒީރުކަމާއި ބަންޑާރަނައިބުކަން ވެސް ކުރިން ކުރެއްވި އާޒިމާ ވިދާޅުވީ، 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުންނާއި، ކުރީގެ ސަރުކާރުން އޭނާގެ މައްޗަށް އުފުލި މަނީ ލޯންޑަރިން ދައުވާ އާ ގުޅިގެން އާމްދަނީ ހޯދުމުގެ މަގު ބަންދުވުމުން ލޯނަށް ގަވައިދުން ފައިސާ ދައްކަން ދަތިވި ކަމަށާއި، އިސްލާމިކް ބޭންކަން މިކަން އަންގާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ސިވިލް ކޯޓުން ލޯނު އަނބުރާ ދައްކަން ހުކުމްކުރީ ލޯނަށް ފައިސާ ދެއްކުމަށްޓަކައި ތާވަލެއް ހެދުމާ ގުޅޭ ގޮތުން ބޭންކާ މަޝްވަރާކުރުމަށް އެދިވަޑައިގެންފައިވަނިކޮށް ކަމަށެވެ
އެހެންކަމުން އިސްލާމިކް ބޭންކުން ކަން ކުރީ ސިޔާސަކޮށް ކަމަށް އާޒިމާ ސިފަކުރެއްވިއެވެ. އަދި ބޭންކާ މުއާމަލާތުކުރެވެމުންދާ ދަނޑިވަޅެއްގައި ކޯޓަށް ހުކުމްކުރެވޭނެ ކަމަށް އޭނާގެ ވަކީލުންނަށް ވެސް، ޚުދު އޭނާ އަށް ވެސް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވިއެވެ.
މިރޭ ވެސް އާޒިމާ ވަނީ، އޭނާ އަކީ ކަންކަމާ ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ، ނާޖާއިޒު ގޮތެއްގައި އެއްވެސް ކަމެއް ނުކުރައްވާކަން ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.